ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ރާއްޖޭގައި ފަށައިފިއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ކޮންފަރެންސްއަކީ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާއިމެދު ކަމާގުޅުންހުރި ތަޖުރިބާކާރުން އެއްތަންވެ މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މިކޮންފަރެންސްގައި ސާކް ގައުމުތަކުނ މަންދޫބުން ބައިވެރިވެއެވެ.
2 ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި ކޮންފަރެންސްގައި 250އެއްހާ މީހުންވަނީ ބައިވެރިވެފައެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއާއި ގުޅުންހުރި އެކިއެކި މައުޟޫޢުތަކަށް މި ކޮންފަރެންސްގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގެ ބޭނުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި އަދި ސައިކިއޭޓްރިކްގެ ދާއިރާއިން ސާކްގެ ޤައުމުތަކުގެ މެދުގައި އިލްމު ހިއްސާކުރުމާއި، ތަޖުރިބާ ބަދަލުކުރުމާއި، އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމެވެ.
ސާކް ސައިކިއޭޓްރިކް ފެޑަރޭޝަންގައި ސާކްގެ 8 ޤައުމުން ބައިވެރިވެއެވެ. އެއީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.