“މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް” ސިލްސިލާގެ ހަވަނަ ސިމްޕޯސިއަމް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
“މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް” އަކީ އެމް.އެމް.އާރް.އައި އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ގުޅިގެން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި އަހަރުގެ ސިމްޕޯސިއަމް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ.

މި ސިމްޕޯޒިއަމް ސިލްސިލާގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސް ގެ ދާއިރާ ކުރިއެރުވުމެވެ. މެރިން ސައިންސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުން ކަމުން މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ނުހަނު އަގުހުރި ފުރުސަތެކެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މިސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނި މިސިމްޕޯސިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާއެއްކަމަށެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރު ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ފިހަރުގެ ސިމްޕޯޒިއަމްއަށް ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ. މި ދާއިރާތަކަކީ: ‘ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް’، ‘ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ’، ‘ސީ ޓާޓަލްސް އިކޮލޮޖީ، ‘ހެލްތް އެންޑް ކޮންޒަރވޭޝަން’، ‘ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ’، އަދި ‘ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް’ އެވެ.
މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށްވެސް ހަމަޖެހިފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.









ކިޔުންތެރިންގެ ހިޔާލު