ކުރީގެ ސަރުކާރަށް ވުރެ 80 ޕަސެންޓް އިތުރަށް މި ސަރުކާރުން ރަސްމީ ރޭޓުގައި 1.9 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޤާނޫނީ ޒިންމާއެއް ކަމަށް ވިޔަސް، ސައީދު ވަނީ ޑޮލަރުގެ ދަތިކަމާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކަށް ތަފާސްހިސާބުން ރައްދު ދެއްވާފަ އެވެ.
ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2023 އާ ހަމައަށް ރަސްމީ ރޭޓުގައި ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވޭތުވެދިޔަ މުއްދަތުގައި ރަސްމީ ރޭޓުގައި ޖުމްލަ 1.94 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަހަރުތަކަށް ބަލާއިރު 2024 ވަނަ އަހަރު 15.42 ގެ ރަސްމީ ރޭޓުގައި 483.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2025 ވަނަ އަހަރު ވިޔަފާރިތަކަށާއި ދަރިވަރުންނާއި ބޭސްފަރުވާއަށް 733.82 މިލިއަން ޑޮލަރު ދޫކުރިއިރު، 2026 ވަނަ އަހަރުގެ މިހާތަނަށް 718.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު މަހަކަށް ޑޮލަރު ދޫކުރި މިންވަރު ކުރީ ސަރުކާރަށް ވުރެ ގާތްގަނޑަކަށް 97 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންކަމުން މިހާރު ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮލަރު ދޫކުރި މިންވަރު އިތުރުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ސިޔާސަތުތައް ސަރުކާރުން އެޅުމުން ކަމަށް ސައީދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކޮށްފައިވާ އެހެން ތުހުމަތުތަކަށް ވެސް މިނިސްޓަރު ވަނީ ޖަލްސާގައި ޖަވާބު ދެއްވާފަ އެވެ.
މި މައްސަލައިގައި މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް އާންމު ކޮމިޓީން ސައީދަށް އެއް ގަޑިއިރުގެ ވަގުތެއް ދިނެވެ. މައްސަލައިގެ ބަހުސްގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނަށް 38 މިނެޓު ދިންއިރު، މައްސަލަ ހުށަހެޅި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ލިބިވަޑައިގަތީ ނުވަ މިނެޓެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.