އީކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ގެންނަމުންދާ ކަމަށާއި އެ ދަތިތައް ދެން ދިމާ ނުވާނެ ކަމަށް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއަށް އައި ހީނަރުކަން އެ ކުންފުނިން ވަރަށް ރަނގަޅަށް މެނޭޖްކޮށްފައިވާ ކަމަށެވެ. އަދި ޑޮލަރުގެ ދަތިކަމާ ގުޅިގެން އީކޮމާސް އަދި އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް އާންމުންނަށް ދިމާވި ދަތިތަކަށް މިހާރު ހައްލު ހޯދައިދީފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެފައިވާ ގޮތުގައި ކުރިން ދިމާވި ފަދަ މައްސަލަތަކެއް ދެން ތަކުރާރު ނުވާނެ ކަމަށާއި، މިހާރު އެ ބޭންކުން ޓީޓީ ހަދައިދިނުމާއި ބޭރު ފައިސާ ދޫކުރުމުގެ ކަންކަމުގައި ހާލަތު ބަދަލުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރީގެ ހާލަތަށް ރުޖޫއަވުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވި ބޭރު ފައިސާގެ ދަތިކަމުގެ އަސްލަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، އޭގެ ތེރޭގައި ގިނައީ އިގުތިސޯދާ ގުޅުންނެތް ލޯނުތައް ކަމަށްވާތީ އެކަމުގެ ސަބަބުން ގައުމުގެ އާމްދަނީ ލިބުމަށް ހުރަސްތަކެއް މެދުވެރިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު