ދިވެހި އިޤްތިޞާދުން ރައްޔިތުންނަށް ލިބޭ މަންފާ ފުޅާކުރުމަށްޓަކައި، ބިދޭސީންނަށް ވިޔަފާރި ނުކުރެވޭނެ ގޮތަށް 17 ދާއިރާއެއް އަލަށް ކަނޑައަޅައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ ލުއި މާލީ އެހީތެރިކަމާއެކު އަލަށް 2،771 ދިވެހި ވިޔަފާރިއެއް އުފައްދައިދީފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުން ކަމަށެވެ. އެގޮތުން ޚާއްޞަ ޓާސްކްފޯހެއް އުފައްދައި، ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި 771 އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި އިންސްޕެކްޝަންތަކުގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 114 ވިޔަފާރިއެއް ބަންދުކުރިއެވެ. އޭގެ ތެރެއިން ޤަވާޢިދަށް ފެއްތުމުން 75 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ބާކީ ތަންތަން އަދިވެސް ހުރީ ބަންދުކޮށްފައެވެ. އަދި ހުއްދަނެތި އުޅުނު ބިދޭސީން ދެނެގަނެ، އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ދިވެހިންނަށް ޚާއްޞަކުރި ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކެބިނެޓުގެ މަޝްވަރާއާއެކު އަލަށް އިތުރުކުރި 17 ދާއިރާގެ ތެރޭގައި ރީޓެއިލް ވިޔަފާރި ހިމެނޭ ކަމަށެވެ. އަދި ކުރިން ދިވެހިންނަށް ހަމައެކަނި 5 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ޚާއްޞަކޮށްފައި އޮތް އޮތުން ބަދަލުކޮށް، މިހާރު 15 މިލިއަން ޑޮލަރާ ހަމައަށް އެ އަދަދު މަތިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

  • 10 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރިސޯޓު ކޮންސްޓްރަކްޝަން މަސައްކަތްތައް ދިވެހިންނަށް ޚާއްޞަކުރުން

  • 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ހުރިހާ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިންގުން ދިވެހިންނަށް ހަނިކުރުން

  • ލޮޖިސްޓިކްސް، އޮފީސް އެޑްމިނިސްޓްރޭޝަން، ބަންކަރިންގ، ޝާއިޢުކުރުން، ކަނޑުދަތުރުފަތުރު އަދި އިވެންޓް މެނޭޖްމެންޓް ފަދަ ޚިދުމަތްތައް ދިވެހިންނަށް އެކަނި ޚާއްޞަކުރުން

ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދިން މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 25،000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް މާލީ އެހީ ދިނުމަށް 1.3 ބިލިއަން ރުފިޔާގެ ފެސިލިޓީ ދޫކުރެވުނުއިރު، އޭގެ ތެރެއިން ބައި ބިލިއަނެއްހާ ރުފިޔާއަކީ ސީދާ އަލަށް އުފެދުނު ވިޔަފާރިތަކަށް ދޫކުރި ފައިސާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އެގޮތުން ފާސްކުރި 4،061 ލޯނު އެޕްލިކޭޝަންގެ ތެރެއިން 2،771 ލޯނަކީ މުޅިން އަލަށް ވިޔަފާރި ފެށުމަށް ދޫކުރި ލޯނުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.