މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، "ޓްރޭޑިއަން" މެދުވެރިކޮށް އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް ދޭން ފެށުމަށް ނިންމައިފިއެވެ. މި ބަދަލާއެކު މި މަހުގެ 22 ވާ އާދީއްތަ ދުވަހުން ފެށިގެން އެ ޕްލެޓްފޯމް މެދުވެރިކޮށް މި ޚިދުމަތްތައް ރަސްމީކޮށް ލިބެން ފަށާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް އޭވިއޭޝަންގެ ޚިދުމަތްތައް ދޭން ފެށި ނަމަވެސް، ކަނޑައެޅޭ ވަކި މުއްދަތަކަށް 'ޕެރެލަލް ސަބްމިޝަން' ނުވަތަ މިހާރުވެސް ޚިދުމަތް ހޯދަމުން އަންނަ އުސޫލުން ޚިދުމަތަށް އެދުމުގެ ފުރުޞަތު އޮންނާނެއެވެ.
Ministry of Economic Development,Transport & Trade@MoEDmv✈️ ޓްރޭޑިއަންގެ ޚިދުމަތްތައް އޭވިއޭޝަން ދާއިރާއަށް ފުޅާކުރަނީ!
މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، "ޓްރޭޑިއަން" މެދުވެރިކޮށް އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ބައެއް ޚިދުމަތްތައް 22 ނޮވެންބަރު 2026 އިން ފެށިގެން ރަސްމީކޮށް ދޭން ފަށާނެ.
ޚިދުމަތްތައް ރަސްމީކޮށް …



މިގޮތަށް ހަމަޖެއްސީ ޚިދުމަތް ހޯދާ އެއަރލައިންތަކަށާއި މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރޭޑިއަން ނިޒާމަށް އަހުލުވެރިވުމުގެ ފުރުޞަތު ދިނުމަށާއި، އޮންބޯޑިންގ މަރުޙަލާ ފުރިހަމަކޮށް، އެއްވެސް މެދުކެނޑުމެއްނެތި އިތުބާރާއެކު ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުންޏެވެ. އެހެންކަމުން، ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ޚިދުމަތް ދިނުމަށް ކަނޑައަޅާ ސުންގަޑީގެ ކުރިން، އެއަރލައިންތަކާއި ހިއްސާދާރުން މި ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި މަހުގެ 22 އިން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް ދޭން ފަށާ 8 ޚިދުމަތަކީ:
-
ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދަ (އެއަރކްރާފްޓް އޮޕަރޭޓަރ ސެކިއުރިޓީ ޕްރޮގްރާމް ހިމެނޭހެން)
-
އެޑްހޮކް ޗާޓަރ ފްލައިޓްތަކުގެ ހުއްދަ
-
ފްލައިޓް ޝެޑިއުލް ހުށަހެޅުން
-
އެއަރލައިން އޭޖެންޓުން ކަނޑައެޅުން
-
ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް އައުކުރުން
-
ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް ބާޠިލުކުރުން
-
ފްލީޓް އަޕްޑޭޓްކުރުން
-
ފްލައިޓް ޝެޑިއުލް އަޕްޑޭޓްކުރުން
ޓްރޭޑިއަން ޕްލެޓްފޯމް ބަލަހައްޓާ ޓްރޭޑްނެޓް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ކަނޑުދަތުރުފަތުރު ނުވަތަ މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ވަނީ ޕްލެޓްފޯމަށް ބަދަލުކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ވައިގެ ދަތުރުފަތުރާ ގުޅޭ ޚިދުމަތްތަކާއި، ކަސްޓަމްސް މުދަލުގެ ޑިކްލަރޭޝަން އަދި އެހެނިހެން ރެގިއުލޭޓަރީ ހުއްދަތައް ޑިޖިޓަލްކޮށް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ބަދަލުތަކާއެކު، ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ (ޑަބްލިޔުޓީއޯ) ގެ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގެ ބޯޑަރުގައި ދެވޭ ޚިދުމަތްތައް ފުރިހަމަ ނޭޝަނަލް ސިންގަލް ވިންޑޯ ނިޒާމަކުން ފޯރުކޮށްދިނުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.