ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި، މަގުބޫލު އުޒުރެއް ނެތި ވޯޓުލުމުގައި ބައިވެރިނުވި ކަމަށް ބުނެ އެމްޑީޕީން ފިޔަވަޅު އެޅި ހދ. ހަނިމާދޫ ކައުންސިލުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ފިރާގު އަދި އަހުމަދު އަނާން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ފިރާގާއި، އެ ކައުންސިލުގެ މެންބަރު އަހުމަދު އަނާންގެ މައްޗަށެވެ.

މި ދެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅީ އެމްޑީޕީގެ ސެކްރެޓޭރިއަޓުންނެވެ.

އިޝްތިހާރު އިޝްތިހާރު

އެނގިފައިވާ ގޮތުގައި ވޯޓުލުން އޮތް ދުވަސްވަރު އެ ދެ ބޭފުޅުން ވަޑައިގެންނެވީ ތައިލެންޑުގެ ވެރިރަށް ބެންކޮކަށެވެ.

ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، އެލްޖީއޭގެ ވޯޓަކީ އެމްޑީޕީ އާއި ގައުމީ މަސްލަހަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، ވޯޓުލުމުގެ ބަދަލުގައި އެ ދެ ބޭފުޅުން ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާއިރު، އެ ދުވަހު ރާއްޖެ ދޫކޮށް ދާންޖެހޭ ފަދަ ކުއްލި ހާލަތެއް ނުވަތަ ހާއްސަ ސަބަބެއް ނެތްކަން އެ ބޭފުޅުންގެ އަމިއްލަ ބަހުން ވެސް ސާފުވާން އޮންނަ ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އެމަޖެންސީ ހާލަތެއް މެދުވެރިނުވެ ވޯޓުލާން އޮތް ދުވަހު ފުރައިގެން ދިއުމަކީ އެ ވޯޓުގައި ބައިވެރިނުވުމަށް އޮތް ބަލައިގަނެވޭ ފަދަ އުޒުރެއް ކަމަށް ކޮމިޓީގެ އެއްވެސް މެންބަރަކަށް ގަބޫލުނުކުރެވޭ ކަމަށް ނިންމާފައިވެއެވެ.

މީގެއިތުރުން، އެ ދެ ބޭފުޅުންގެ މި އަމަލަކީ ޒިންމާދާރުކަން ކުޑަ، އަދި ޕާޓީގެ މަސްލަހަތާ ފުށުއަރާ އަމަލެއް ކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި މިއީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާއި (ބ) އާ ހިލާފު ކަމެއްކަން ހެއްކާއި ގަރީނާއިން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ނިންމައި ފިޔަވަޅު އަޅާފައި ވަނިކޮށް، ފިރާގު އަދި އަނާންގެ ފަރާތުން މިހާރު ވަނީ މި ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް އެދި ޕާޓީގެ އިސްތިއުނާފު މަޖިލީހަށް ހުށަހަޅާފައެވެ.

މި ނިންމުމާ ގުޅިގެން، ފިޔަވަޅު އެޅުމާއި އިސްތިއުނާފުކުރުމުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ދެ އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ ނަމުގައި ގައުމީ އިންތިހާބީ މަގާމަކަށް ކުރިމަތިލުން ވަނީ މަނާކޮށްފައެވެ.

މި ފިޔަވަޅު މުހައްމަދު ފިރާގާއި އަހުމަދު އަނާންގެ މައްޗަށް މިހާރު ވަނީ ތަންފީޒުކޮށްފައެވެ. ފިރާގާއި އަނާން ވަނީ ކުރިއަށްއޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބަށް ވެސް ކުރިމަތިލައިފައެވެ. ހަނިމާދޫގެ ގައުމީ މަޖިލިސް މެންބަރު ކަމަށް އަނާން ކުރިމަތިލާފައިވާ އިރު، ފިރާގު ވަނީ ހދ. އަތޮޅުން ހޮވާ ގައުމީ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައިފައެވެ. މި ފިޔަވަޅާއެކު އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ބާތިލުވާނެއެވެ.

އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް ހޮވުމަށް މިދިޔަ މަހުގެ 31 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ރަށު ކައުންސިލް މެންބަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިހާބުވެފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ބޯޑަށް އިންތިހާބުވެފައިވަނީ ށ. ފުނަދޫ ރައީސް މަރްޔަމް ޒީނާއެވެ.