ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކޮށް ހެޔޮކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަކީ އަމިއްލަ ކުދި ވިޔަފާރިތަކަށް އެއްވެސް ދަތިކަމެއް ނުފޯރާނެހެން، އަދި އެ ވިޔަފާރިތަކުގެ ދާއިރާއަށް ނުފޫޒު ނުފޯރުވައި ކުރިއަށްގެންދާ ކަންކަން ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ އިދިކޮޅު އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް މިދިޔަ ބުދަ ދުވަހު މަޖިލީހަށް ވެއްދި އިތުބާރު ނެތްކަމުގެ މައްސަލައަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖޭގައި ހަނޑުލާއި، ހަކުރާއި، ފުށް އެކަނި އަސާސީ މުދަލުގެ ގޮތުގައި ބަލައިގެން އެސްޓީއޯ މެދުވެރިކޮށް ގެނެސް ގުދަންކުރަން ފެށިތާ 60 އަހަރު ފާއިތުވެފައިވާއިރު، މިއަދު އާންމުންގެ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެހެންވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އަސާސީ މުދަލުގެ ގޮތުގައި ބަލާ ތަކެތީގެ ލިސްޓަށް ވަރަށް ބޮޑު ބަދަލެއް ގެންނަވާފައިވާ ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ. މިގޮތުން، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއެކު، 10 ވައްތަރެއްގެ ތަރުކާރީއާއި، 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި، ކާށްޓާއި، ކުކުޅުބިސް ހިމެނޭހެން ޖުމުލަ 26 ބާވަތެއް މިހާރު އަސާސީ މުދަލުގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުން އެޅި މުހިންމު ސިޔާސީ ނިންމުމެއް ކަމަށާއި، ރައްޔިތުންގެ ދުވަހީ ހާލަތު ރަނގަޅުކުރުމަކީ ވެރިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. އަދި އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ސިޔާސަތުތައް ބައްޓަންކުރުމަކީ ޒަމާނީ ޑިމޮކްރަސީގެ މުހިންމު ބިންގަލެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން މުދަލުގެ އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށެވެ. އަދި 2019 އިން 2023 އާ ދެމެދު އޭރުގެ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާފައިވަނީ ހަމައެކަނި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ބަހަނާ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ނަމަވެސް މި ސަރުކާރުން އިސްކަންދެނީ އެފަދަ ހާލަތްތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ފާއިތުވި 60 އަހަރުވީ އާދަކާދަ ދޫކޮށްލައްވައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި 26 ބާވަތުގެ އަސާސީ މުދަލުގެ ސިޔާސަތު ފުރިހަމަ ޒިންމާދާރުކަމާއެކު ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކަކީ ރާއްޖެއަށް ހުއްޓުވޭނެ ކަންކަން ނޫން ކަމުގައި ވިޔަސް، އޭގެ ނޭދެވޭ އަސަރުތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަކީ ދައުލަތުގެ ވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އަސާސީ މުދަލުގެ ގޮތުގައި 80 ބާވަތެއް ކަނޑައެޅުއްވުމަށް ނިންމެވީ އެ ސަބަބަށްޓަކައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު އޮންނަންޖެހޭނެކަން ސަރުކާރުން ބަލައިގަންނަ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެފަދަ ވިޔަފާރިތަކަށް ހުރަސްނޭޅޭނެހެން މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.