ޗައިނާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ޓީމުން މޮޅު ހުނަރެއް ދައްކައި، 7-0 ގެ ފަރަގު ބޮޑު ނަތީޖާއަކުން ހޮންގް ކޮންގްގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއަދުގެ މި ކުރިމަތިލުމުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނީ އުކުޅުތައް ފުރިހަމަ، އަވަސް ކުޅުމެކެވެ. މެޗުގެ ފުރަތަމަ ފަޅި ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ފަޅީގައި ވެސް ކުޅުން އިތުރަށް ވަރުގަދަކޮށް، ދިވެހި ކުޅުންތެރިން ވަނީ އިތުރު ހަތަރު ލަނޑު ޖަހައި ނަތީޖާ 7-0 އަށް ފުޅާކޮށްފައެވެ.

މެޗުގައި ދިވެހިރާއްޖެއިން ކާމިޔާބުކުރި ލަނޑުތަކުގެ ތެރެއިން އިޝާން އިބްރާހިމް (ސައްޓު)، ޝަނާން ރަޝާދު އަދި މުހައްމަދު ސާދު ނިޒާރު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއެވެ. އަދި އަނެއް ލަނޑަކީ ހޮންގް ކޮންގް ކުޅުންތެރިއެއްގެ ފަރާތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިޝްތިހާރު އިޝްތިހާރު

މި ކާމިޔާބީއާއެކު މިހާތަނަށް ކުޅުނު ދެ ކުރިމަތިލުމުން ރާއްޖެއަށް ވަނީ 3 ޕޮއިންޓް ހާސިލުކުރެވިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވެފައިވަނީ ވަރުގަދަ ދެކުނު ކޮރެއާ އަތުން 5-1 އިންނެވެ. އެހެންކަމުން މިއަދު ހޯދި މި ނަތީޖާއަކީ ކުރިއަށް އޮތް ފަހު މެޗަށް ޓީމުގެ އިތުބާރު އާލާވެގެންދިޔަ މުހިންމު މޮޅެކެވެ.

ލީގު ބުރެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ހަވީރު ވެސް މެޗެއް އޮންނާނެއެވެ. މި މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޗައިނާ އާއި ދެކުނު ކޮރެއާއެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނަން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ.