ށަވިއަނީ ޅައިމަގަށް މިއަދު ހެނދުނު އަރައިގަތް ނަގޫރޯޅިއެއްގެ ސަބަބުން 22 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި މީހަކަށް އަނިޔާވެއްޖެއެވެ.
މި ނަގޫރޯޅި އެރީ މިއަދު ހެނދުނު 07:00 ހާއިރު އެ ރަށުގެ އުތުރު ފަރާތުންނެވެ.
ޅައިމަގު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ނަގޫރޯޅި އެރި ވަގުތު ބައެއް ގޭގޭގެ ގަރާޖުތަކާއި ފުރާޅުތައް ވަނީ އެއްލާލާފައެވެ. އަދި ގޭގޭގެ މަގުމަތީ ފާރުތައް ވެއްޓި، އެ ސަރަހައްދުގެ މަގުތަކާއި ގޭގޭގައި ހުރި ބޮޑެތި ގަސްތައް ވަނީ މުލުން ލުހިގެން ވެއްޓިފައެވެ.
މި ހާދިސާގައި ގެއެއްގެ ގަރާޖު ތެރޭގައި ހުރި މީހެއްގެ ގައިގައި ވިއްސައިގެން ދިޔަ އެޅިގަލަކުން ޖެހި، ބޯފަޅައިގެން ގޮސް އަނިޔާވި ކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެ މީހާއަށް ސިއްހީ ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ކައުންސިލް މެމްބަރަކު ވިދާޅުވީ، ގެތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކޮށް ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެކުރިން އެ ރަށަށް މިވަރުގެ ބޮޑު ގެއްލުމެއް މޫސުމީ ހާދިސާއެއްގައި ލިބިފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާބޮޑަށް މޫސުން ގޯސްވެފައި ވަނިކޮށް ނޫން ކަމަށާއި، އެ ރަށަށް ވާރޭވެހެން ފެށީ ފަތިހު ކަމަށް ކައުންސިލުން ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ޅައިމަގު ހިމެނޭހެން ހާ އަލިފު އަތޮޅުން އަލިފު ދާލު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. ކުރިއަށް އޮތް 5 ދުވަހުވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.