ހައްޖު ކޯޕަރޭޝަނުން ވަޒީފާއިން ވަކިކުރި އިންޓާނަލް އޮޑިޓަރަށް މާލީ ބަދަލާއެކު އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާ ދެކޮޅަށް ނ. މަނަދޫ، ރީހުއްސަބާ، މުހައްމަދު ހަލީމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. އޭނާ އެ މައްސަލަ ހުށަހެޅީ 23 ނޮވެމްބަރު 2020 އިން ފެށިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓަރުގެ މަގާމުގައި ހުއްޓައި، 20 ޖެނުއަރީ 2025 ގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.
ހަލީމްގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށްވާތީ، ކުރީގެ މަގާމު އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިވިކަމަށް ނުބެލުމަށެވެ. އަދި ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ލިބުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އެންމެހައި އިނާޔަތްތައް އެއްފަހަރާ ދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގައި ކުންފުނިން އަމަލުކުރި ގޮތުގެ ސަބަބުން އޭނާގެ އަބުރަށާއި ކުރިއެރުމަށް ލިބުނު ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
ދެފަރާތުގެ ވާހަކަތަކާއި ހުށަހެޅި ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށްފަހު ޓްރައިބިއުނަލުން ކަނޑައެޅީ، އަދުލުވެރިކަމުގެ ހަމަތަކާ ޚިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ އަދާކުރަމުންދިޔަ މަގާމަށް އަލުން ރުޖޫއަކުރުމަށެވެ. މީގެއިތުރުން، އެކަށޭނަ ސަބަބެއް ނެތި ވަކިކޮށްފައިވާތީ، ނޯޓިސް މުއްދަތުގެ ގޮތުގައި ދިން 26،509 ރުފިޔާގެ ނިސްބަތުން ބަލައި، އެހެން ވަޒީފާއަކަށް ދިއުމާ ހަމައަށް ޖުމްލަ 74،225 ރުފިޔާ ދޭންޖެހޭ ކަމަށާއި، އޭގެ ތެރެއިން ކުރިން ދިން ނޯޓިސް ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދު އޭނާއަށް ދިނުމަށްވެސް އަމުރުކުރިއެވެ. މި ނިންމުމާ އެއްގޮތަށް ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އަމަލުކުރުމަށް ހައްޖު ކޯޕަރޭޝަނަށް އެންގިއެވެ.
ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހައްޖު ކޯޕަރޭޝަނުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، ޓްރައިބިއުނަލްގެ އެ ނިންމުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ފުށުއަރާ ނިންމުމެކެވެ. އެހެންކަމުން މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން، ޓްރައިބިއުނަލްގެ އަމުރު ތަންފީޒުކުރުން މަޑުޖައްސައިދިނުމުގެ ވަގުތީ އަމުރަކަށް އެދެމުން ކޯޕަރޭޝަނުން ބުނެފައިވަނީ، އަމުރު ތަންފީޒުކޮށް ފައިސާ ދީފިނަމަ ފަހުން އެ ފައިސާ އަނބުރާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ވަޒީފާ ރުޖޫއަކުރަން ޖެހިއްޖެނަމަ އުވާލެވިފައިވާ މަގާމަކަށް މީހަކު އައްޔަންކުރަން ޖެހި އިތުރު މާލީ ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.