ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށާއި ކަނޑުގެ ސައިންޓިފިކް ރިސާޗާއި ކްލައިމެޓް ރެޒިލިއަންސާއި ކަނޑުތަކުގެ ވެރިކަން ހަމަހަމަ ގޮތެއްގައި އިންސާފުވެރިކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ۔
ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސަންޔާގައި ކުރިޔަށްދާ ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ 7 ވަނަ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ۔ މި ސިމްޕޯސިއަމް ކުރިއަށްދަނީ ކުދި ޖަޒީރާ ގައުމުތަކަށް ހުރި ފުރުސަތުތަކާއި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ޚާއްޞަ ތީމެއްގެ ދަށުންނެވެ۔
"ޝެއާޑް ކޮމިޓްމެންޓް އެންޑް ކަލެކްޓިވް އެކްޝަން: އެންޑް އޯޝަން އޮފް އޮޕޮޗުނިޓީސް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ތީމުގެ ދަށުން ވާހަކަދައްކަވަމުން ވަޒީރު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ މަންފާއާއި ފުރުސަތުތައް ފަހިކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ވިޔަފާރި ހަރުދަނާކުރުމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ދިރިއުޅުން ބައިނަލްއަގްވާމީ މާކެޓްތަކާއެކު ގުޅުވައިލުމަށް މޯލްޑިވްސް-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓުން ލިބިދޭ ފުރުސަތުތަކަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން ގައުމުތަކުގެ ލީޑަރުންގެ މެދުގައި ވެވޭ ވައުދުތަކާއި ކަނޑައަޅާ އަމާޒުތަކުން އަމަލީ ނަތީޖާއެއް ނެރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ރަނގަޅު މައުލޫމާތާއި މަހުގެ އަގާއި ފެންވަރު ހިފެހެއްޓޭނެ ވަސީލަތްތައް ޤާއިމުކުރުމާއެކު ސައިންސާއި ދިރާސާކުރުމުގެ ދާއިރާއިން ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ދިރާސާކާރުންނަށް މިދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމާއި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން ޖަޒީރާ ޖަމާޢަތްތަކަށް އެހީތެރިވާ ދެމެހެއްޓެނިވި ކަނޑުގެ އިޤްތިޞާދެއް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ވަޢުދުވެފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވަނީ އެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.