ބަންކަރިންގެ ހިދުމަތުން ފުރިހަމަ ނަފާވެރިކަމެއް ހޯދޭނީ އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ޕޯޓާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖް ފެސިލިޓީސްތައް ގާއިމުކުރެވިގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި މެރިޓައިމް އިގްތިސާދެއް ހަގީގީ މާނައިގައި ބިނާކުރުމަށްޓަކައި ވިޔަފާރި ބަނދަރާއި ތެޔޮ ރައްކާކުރާ ވަސީލަތްތައް ތަރައްގީކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދުގެ ދުވެލި މައްޗަށްޖެއްސުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ހިންގާ އެއް މަޝްރޫއު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް މުދާ ގެންނަނީ ކޮލޮމްބޯ ބަނދަރަށް މުދާ ބާލައި، އެތަނުން ފެރީކުރާ އުސޫލުން ކަމަށާއި، ނަމަވެސް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން އެ އުސޫލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ސަރުކާރުން ފަސްޖެހުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.











ކިޔުންތެރިންގެ ހިޔާލު