މިއަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ބަޖެޓު ކުރެވުނު އަހަރެވެ.

މާލީ ވުޒާރާގެ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކައުންސިލުތަކަށް 2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދޫކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި އަދަދު ވަނީ 2.5 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބަށް ބަލާއިރު، 2022 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު ބަޖެޓު ކުރި 2.1 ބިލިއަން ރުފިޔާގެ އިތުރަށް 8 މިލިއަން ރުފިޔާ ވަނީ ކައުންސިލުތަކަށް ދޫކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ހާއްސަ ފޯމިއުލާއެއްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ގްރާންޓުން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ސިޓީ ކައުންސިލްތަކެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ މާލޭ ސިޓީ ކައުންސިލަށެވެ.

ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން މި ނިޒާމަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އަތޮޅު ކައުންސިލުތައް އުވާލުމާ ގުޅިގެން ރަށު އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ފައިސާ ދޫކުރުމުގައި އާބާދީގެ އިތުރުން ރަށްރަށުގެ ބިމުގެ ބޮޑުމިނަށްވެސް ރިއާޔަތްކުރާ ގޮތަށް އުސޫލުތައް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ކައުންސިލުތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، ހަރުދަނާ ވެގެންދާނެއެވެ.