އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މާލީ އިސްލާޙުތައް ގެނައުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި ބަޖެޓު ތައްޔާރުކުރައްވާފައިވާ ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައެވެ.

މި ބަޖެޓު ހުށަހެޅުއްވުން ކުރިއަށްދިޔައީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ހިނގާ ދާއިމީ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މިއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮކްޓޫބަރު 15 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 36.39 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 16.9 އިންސައްތައިގެ އިތުރުވުމެކެވެ.

އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުސާރައާއި އުޖޫރައަށް 7.9 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ އެލަވަންސްތަކަށް 6.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި ޕެންޝަނާއި ދުވަސްވީ މުވައްޒަފުންނަށް ދޭ ފައިސާއަށް 2.6 ބިލިއަން ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން ސަރުކާރުން ދޭ އެހީއާއި ސަބްސިޑީއަށް 13.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ލޯނުގެ ޚިދުމަތުގެ ޚަރަދަށް 4.9 ބިލިއަން ރުފިޔާ އަދި އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތްތަކަށް 2.6 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ.

ކެޕިޓަލް ޚަރަދުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްޙީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްޙީ ދާއިރާއަށް 10.8 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ.