ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކޯޗުގެ މަގާމަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ހޮވިއްޖެއެވެ.
ލަންޑަނުގައި ބޭއްވި 2026 ވަނަ އަހަރުގެ ބެލޮންޑޯ އެވޯޑް ހަފުލާގައި، އޭނާއަށް މި އެވޯޑު ހަވާލުކޮށްދެއްވީ އިންޓަ މިލާނަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްދެއްވައި، ލިވަޕޫލާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް އެވެ.
ޑެލަފުއެންޓޭއަށް މި އެވޯޑު ލިބުނީ ސްޕެއިން ގައުމީ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގެ އިތުރުން، އެންމެ ފަހުގެ ޔޫރޯ ވެސް ކާމިޔާބުކޮށްދީފައެވެ. މި އެވޯޑަށް ޑެލަފުއެންޓޭއާ ވާދަކުރީ ހުސްވި ސީޒަނުގައި އާސެނަލްއަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން މިކޭލް އާޓެޓާ އާއި ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އެވެ.
އެވޯޑު ލިބުމުން ސްޓޭޖުގައި ހުރެ ޑެލަފުއެންޓޭ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނުމަކީ ވެސް ޝަރަފެއް. އަހަރެން ބޭނުންވަނީ މި އިނާމަށް އަހަރެންނާ ވާދަކުރި ކޯޗުންނަށް ޝުކުރު އަދާކުރަން. އެ މީހުން ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި،
ޑެލަފުއެންޓޭ ވިދާޅުވިއެވެ.
އޭނާ ބުނީ މި ކާމިޔާބީ ލިބުމުން ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނަށް ޝުކުރު އަދާކުރާ ކަމަށެވެ. ކާމިޔާބީގެ ސިއްރަކީ މޮޅު ކުޅުންތެރިންނާއެކު އެކުވެރިކަމާއެކު މަސައްކަތް ކުރުން ކަމަށާއި، އަބަދުވެސް ވަކިވަކި ކުޅުންތެރިންނަށްވުރެ ޓީމުގެ މަސްލަހަތު އިސްކުރެވުން ކަމަށް ޑެލަފުއެންޓޭ ފާހަގަކުރެއްވިއެވެ.
އަންހެން ކޯޗުގެ އެވޯޑު ބާސެލޯނާގެ ޕެރޭ ރޮމެއޫއަށް
މި ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ހޮވުނީ ބާސެލޯނާ އަންހެން ޓީމުގެ ކޯޗު ޕެރޭ ރޮމެއޫ އެވެ. އޭނާއަށް ވެސް ކޯޗުގެ އެވޯޑު ހަވާލުކޮށްދެއްވީ ރަފާ ބެނީޓޭޒް އެވެ.
ރޮމެއޫ ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާ އަންހެން ޓީމަށް ހަތަރު ތަށި ހޯދައިދީފައެވެ. އެއީ ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕާއި، ކޮޕާ ޑެލްރޭ އާއި، ޗެމްޕިއަންސް ލީގެވެ.
އެވޯޑު ލިބުމަށްފަހު ރޮމެއޫ ބުނީ، މި ކާމިޔާބީގެ ހައްގުވެރިންނަކީ ބާސެލޯނާގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ކަމަށެވެ.
މި ކާމިޔާބީ ލިބުމުން ވަރަށް އުފާވެއްޖެ. ހުރިހާ އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. އަހަންނަށް އިހުސާސް ކުރެވެނީ މިއީ ކަލެކްޓިވް ކާމިޔާބީއެއް ކަމަށް. އަހަރެމެންގެ އޮތީ ވަރަށް މޮޅު ކުޅުންތެރިން ހިމެނޭ ވަރަށް މޮޅު ޓީމެއް. އެކުގައި އަހަރެމެން ވަނީ ވަރަށް ގިނަ ތަށިތައް ހޯދާފައި. މިދިޔަ ސީޒަނުގައި އޮތް ޓީމާއި ކުޅުންތެރިންނާ މެދު އަހަރެން ވަރަށް އުފާކުރަން،
ރޮމެއޫ ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.