އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެހެނިހެން މަސައްކަތްތަކުގެ ބައިގައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖަޢާކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވާފައިވެއެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހެވެ.

މެންބަރު ވިދާޅުވި އެ ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ އާއި އިނާޔަތްތަކާއި އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ލިބޭނެ މަގުފަހިކުރުން ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖައާކޮށް، ޚާއްސަ އެލަވަންސެއްގެ ގޮތުގައި 4125 ރުފިޔާ ކަނޑައަޅަން ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރެއްވީ، އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިޝްތިހާރު އިޝްތިހާރު

މަޖިލީހުގެ ރައީސްގެ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ދާދިފަހުން ފާސްކޮށްފައެވެ. ޝަރުޢީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ނިމިދިޔަ އަހަރު ގެނައި ބަދަލުތަކާއެކު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000 ރުފިޔާއެވެ. މިއަދު ކޮމިޓީން ފާސްކުރި ގޮތަށް 4125 ރުފިޔާގެ އިތުރު އެލަވަންސެއް އުއްތަމަ ފަނޑިޔާރަށް ދޭން ނިންމުމުން 95،125 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ.

އެ ކޮމިޓީން ވަނީ ވަޒީރުގެ މުސާރަ އާއި އިނާޔަތްތަކަށް ވެސް މީގެކުރިން ބަދަލުގެންނަވާފައެވެ. އެގޮތުން، ކޮމިޓީން ނިންމެވީ ޕެޓްރޯލް އެލަވަންސަށް 2000 ރުފިޔާ ޑްރައިވަރުންގެ މުސާރައަށް 12،000ރުފިޔާ ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3000 ރުފިޔާ ދިނުމަށެވެ. އަދި ކައުންސިލަރުންނާ، ކައުންސިލް ރައީސުން އަދި ކައުންސިލުގެ ނައިބު ރައީސުންނަށް 5،000 ރުފިޔާ ގެ އިތުރު އިނާޔަތެއް ދިނުމަށްވެސް ފާސްކުރިއެވެ.