ފަނޑިޔާރުކަމުގެ ޒިންމާއަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރާ މީހުންނަކީ އަބަދުވެސް އުޅުމާއި ސުލޫކަށް އިސްކަން ދޭންވާނެ ބައެއްކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވަނީ، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައާއި އާއްމު ދިރިއުޅުމުގައިވެސް ސުލޫކީ އަޚުލާގު ހިފެހެއްޓުމަށް އިރުޝާދު ދެއްވާފައެވެ. އެ މަނިކުފާނު ވަނީ، ފަނޑިޔާރުކަމުގެ ޒިންމާއަކީ ވަރަށް ބޮޑު އަމާނާތެއްކަން ފާހަގަކުރައްވާ، ފަނޑިޔާރުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އެއީ، ޤާނޫނުއަސާސީގެ ހަމަތައް ނަގަހައްޓަންޖެހޭ މުހިންމު ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރަކަށްވުމުން އެ މީހެއްގެ އާއްމު ދިރިއުޅުމަށް ބަދަލު ގެންނަން ޖެހޭނެ ކަމަށާއި، އާއްމުން ބަލައިގަންނަ ގޮތަށް ދިރިއުޅުން ބައްޓަން ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިން ބޭރަށް ނުކުތް ވަގުތުތަކުގައި ބޭރަށް ނުނިކުމެވިދާނެކަން ޤަބޫލުކުރަންވާނެ. ކުރިން ދިޔަ މީހުންނާއެކު ވަގުތު ހޭދަކުރުން ރަނގަޅު ނުވެދާނެކަންވެސް ވިސްނަންވާނެ. އާއްމުން އަބަދުވެސް ފަނޑިޔާރުން އުޅޭ ގޮތް ބަލާނެ." އުއްތަމަ ފަނޑިޔާރު
މީގެ އިތުރުން ފަނޑިޔާރުންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމުގެ ޝަކުވާއަކީ، ކޯޓުތަކުން ކުރަމުން އައި ޝަކުވާއެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އެކަމަށް އިޖާބަދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ. މައްސަލަތައް ލަސްވާން ދިމާވާ ސަބަބުތައް އެބަ ހުރިކަމަށާއި، އޭގެ ތެރެއިން ބައެއް ކަންކަމަކީ ކޯޓުތަކަށް ހައްލުކުރެވޭނެ ކަންކަން ނޫންކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.