ކޯޓުތައް ހިންގުމާއި ޝަރީޢަތްތައް ކުރިއަށްގެންދިއުމުގެ މައިގަނޑު އުޞޫލުތަކާއި ސިޔާސަތުތައް އެކުލަވައިލުމުގެ ބާރު ލިބިދޭ ގޮތަށް، "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ވަކި ކައުންސިލެއް އުފެއްދުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކައުންސިލް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމާއި މާލީ ކަންކަމުގައި އުއްތަމަ ފަނޑިޔާރަށް ލަފާއެރުވުމާއި، އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ނިންމުންތައް ނިންމުމެވެ.

ޝަރުޢީ ނިޒާމުގެ ހުރިހާ މަރުޙަލާއެއް ތަމްސީލުވާ ގޮތަށް އެކުލަވައިލާ މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރެވެ. ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ:

އިޝްތިހާރު އިޝްތިހާރު
  • އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ދެ ފަނޑިޔާރުން

  • ހައިކޯޓުގެ އިސްފަނޑިޔާރާއި، އެ ކޯޓުން އިންތިޚާބުކުރާ އިތުރު ފަނޑިޔާރެއް

  • މާލޭގައި ހުންނަ ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީން

  • ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ތިން އިސްމެޖިސްޓްރޭޓުން (މި ބޭފުޅުން ކޮންމެ ދެ އަހަރަކުން ބަދަލުވާނެ)

ކައުންސިލްގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އުއްތަމަ ފަނޑިޔާރު ހަމަޖައްސަވަން ޖެހޭއިރު، އިދާރީ މަސައްކަތްތައް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

މި ކައުންސިލަށް މަތިކޮށްފައިވާ މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި؛ މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި ކޯޓުތައް ހިންގުމުގެ އުޞޫލުތައް އެކުލަވައިލުން، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާނެ މިންގަނޑުތައް ކަނޑައެޅުން، އަދި ޝަރުޢީ ދާއިރާގެ ބަޖެޓުގެ ކަންކަން ބަލައި ޑީޖޭއޭ ޖަވާބުދާރީކުރުވުން ހިމެނެއެވެ. މީގެއިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޢައްޔަންކުރުމާއި ވަކިކުރުމުގައި ޖޭއެސްސީއަށް ލަފާދިނުމުގެ ބާރުވެސް ކައުންސިލަށް ލިބިދެއެވެ.

ކައުންސިލްގެ ކޯރަމް ހަމަވާނީ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެގެން ކަމަށާއި، ކަންކަން ނިންމާނީ އަޣުލަބިއްޔަތުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން 2010 ވަނަ އަހަރު ވުޖޫދުވި ކޯޓުތަކުގެ ޤާނޫނުގެ ދަށުންނާއި، ފަހުން 2019 ވަނަ އަހަރު ސުޕްރީމް ކޯޓުންވެސް ޖުޑީޝަލް ކައުންސިލެއް އުފެއްދި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ކައުންސިލްތައް ވަނީ އުވާލާފައެވެ. ސަރުކާރުން މިހާރު މި ހުށަހެޅީ ޤާނޫނީ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން އެ ކައުންސިލް އަލުން އުފެއްދުމަށެވެ.