ވަކި އުމުރުފުރައެއްގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމުގެ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި، މިއީ އާންމުކޮށް މުޅި ސޯޝަލް މީޑިއާ ބޭން ކުރުމަށް ކުރާ ކަމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މި ސިޔާސަތުގެ ދަށުން މުޅި ސޯޝަލް މީޑިއާ ބޭން ނުކުރެވޭނެ ކަމަށާއި، ބަދަލުތައް ގެންނާނީ ކުދިންގެ އުމުރާ ނުގުޅޭ އަދި ގެއްލުންހުރި ކޮންޓެންޓް ހިމެނޭ ވަކިވަކި އެޕްލިކޭޝަންތަކާއި ވެބްސައިޓުތަކަށް ކަމަށެވެ. އަދި އޮންލައިން މާޙައުލުގައި ކުދިންނަށް ކުރިމަތިވާ ސައިބަރ ބުލީން އަދި ގްރޫމިން ފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށް ފިޔަވަޅު އަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސިޔާސަތު ބައްޓަންކުރުމަށްޓަކައި ކެބިނެޓުގެ ސޯޝަލް ކައުންސިލަށް މިހާރު ޕޭޕަރެއް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގައި ގޮތެއް ނިންމާނީ އެ ކައުންސިލްގެ މަޝްވަރާއަށްފަހު، ކަމާބެހޭ ޖަމުޢިއްޔާތަކާއި ޢާންމު ރައްޔިތުންގެ ޚިޔާލުވެސް ހޯދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމަށް މިފަދަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ވަމުންދާއިރު ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު ކުދިންނަށް އޮންނަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ކުދިންނަށް ގެއްލުންވާ ފަދަ މަންސަތަކަށް ވަނުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޓެކްނިކަލް ޓީމުތަކުގެ ދިރާސާތަކުން މިފަދަ ރެސްޓްރިކްޝަންތައް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ލަފާދީފައިވީ ނަމަވެސް، ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމުގެ ޔަޤީންކަން ވަޒީރު އިޙްސާން ދެއްވިއެވެ.