ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އީ-ގޭޓުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ މިންގަނޑަށް ފެތޭހެން ސައްތައިން ސައްތަ އޮންލައިންވެގެން ގޮސްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ފަތުރުވެރިންނަށް އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ތަންފީޒުކުރަމުންދާ މި ނިޒާމުގެ ސަބަބުން، ރާއްޖޭގެ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަވުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި އެންމެ އަވަސް ޚިދުމަތެއް ދޭ މަންޒިލަކަށް ރާއްޖެ ވެގެންދާނެއެވެ. އަދި މި ސަރަޙައްދުގައިވެސް މި ފެންވަރުގައި މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރާ ހަމައެކަނި ޤައުމަކީ ރާއްޖެ ކަމަށާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ދާއިރާގައި ރާއްޖެއިން އައު މިންގަނޑުތަކެއް ކަނޑައަޅަމުންދާ ކަމަށް ވިދާޅުވިއެވެ.
މި އައު ނިޒާމުގެ ތެރެއިން ފަސިންޖަރުން އެއާލައިނަށް ޗެކިންވާ ހިސާބުން، "އިމުގާ" ޕޯޓަލް މެދުވެރިކޮށް އީ-ގޭޓް ބޭނުންކުރެވޭނެކަމުގެ ވެރިފިކޭޝަން ލިބިގެންދާނެއެވެ. އަދި އީ-ގޭޓުން ކްލިއަރވުމާއެކު ފަސިންޖަރުގެ އީމެއިލަށް ޑިޖިޓަލް އީ-ވިސާ ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚިދުމަތުގެ ދުވެއްޔަށް އައި ބޮޑު ބަދަލަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ކައުންޓަރުން ޚިދުމަތް ހޯދުމަށް މީހަކަށް 30 އާއި 50 ސިކުންތާ ދެމެދުގެ ވަގުތެއް ހޭދަވި ނަމަވެސް، އީ-ގޭޓާއެކު މިހާރު ކޮންމެ މީހަކަށް ހޭދަވާނީ އެންމެ 5 އާއި 10 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއް ކަމަށެވެ. އެހެންކަމުން، ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރާއްޖެ ފަދަ ޤައުމެއްގައި ކިޔޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށް މިއީ ކޮންމެހެން ބޭނުންތެރި ޒަމާނީ ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.