ރާއްޖޭގެ ޕެރޯލް ނިޒާމު އިތުރަށް ހަރުދަނާކޮށް، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުންނަށް މުޖުތަމައަށް ދޫވެގެން ދިއުމުގެ ފުރުސަތު ނުދިނުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހްސާން ވިދާޅުވީ 2013 ވަނަ އަހަރު ވުޖޫދުވި ޖަލުތަކާއި ޕެރޯލްގެ ގާނޫނު މިހާރަށް ވުރެ ފުރިހަމަކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، އެ ގާނޫނު އެކުލަވާލި ފަހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފަދަ މުހިންމު އެތައް ގާނޫނަކަށް ބަދަލުތަކެއް އައިސްފައިވާތީ، ޕެރޯލްގެ ގާނޫނުވެސް ޒަމާނާ އެއްގޮތަށް އިސްލާހުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހްސާން ވިދާޅުވި ގޮތުގައި، ޑްރަގް ޓްރެފިކިން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ލުއި ލިބި، މުޖުތަމައަށް ނުކުތުމަކީ މި ސަރުކާރުން ޖާގަދޭނެ ކަމެއް ނޫނެވެ.

“ޕެރޯލް ގާނޫނުގައި ވަރަށް ސާފުކޮށް އިޖުރާއަތުތައް ބަޔާންކޮށްދޭ. ސަރުކާރުގެ ސިޔާސަތެއް ނޫން މި ބާވަތުގެ ކަންކަމުގައި މީހުން ދޫވެގެން ދިއުމަކީ. އަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތް ކޮމްޕްރޮމައިޒްވާނެ އެއްވެސްކަމެއް ނުކުރާނެ. ޝޯޓްކަޓެއް ނުނަގާނެ” އިހްސާން ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޕެރޯލް ދިނުމުގެ މައިގަނޑު ބޭނުމަކީ ޖަލުގައި ރަނގަޅު އަހުލާގެއް ދައްކުވައިދޭ ގައިދީން އިސްލާހުވެ، އަލުން މުޖުތަމައާ ގުޅުމަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން ޕެރޯލްގެ ދަށުން ޝަރުތު ހަމަވާ ގައިދީންނަށް، އެމީހުންގެ ހުކުމުގެ ބާކީބައި ވަކި ހާއްސަ ޝަރުތުތަކަކާއެކު މުޖުތަމައުގައި ހުރެގެން ތަންފީޒު ކުރުމުގެ ފުރުސަތު ލިބެއެވެ.
ޕެރޯލް ދިނުމާއި، އޭގެ ޝަރުތުތައް ކަނޑައެޅުމުގެ އިތުރުން ޕެރޯލް ބާތިލުކުރުމުގެ ހުރިހާ ނިންމުންތައް ނިންމަނީ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުންނެވެ. ޕެރޯލް ލިބޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުގައި ބަޔާންކުރާ ވަކި މުއްދަތެއް ޖަލުގައި ފުރިހަމަކޮށްފައިވުމާއި، ގަވާއިދުތަކަށް ބޯލަނބާ މީހަކަށްވުން ހިމެނެއެވެ.
މީގެއިތުރުން، ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްފައި ހުންނަ މުއްދަތުގައި އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، ނުވަތަ އިތުރު ކުށެއްކޮށްފި ނަމަ، އެ މީހެއްގެ ޕެރޯލް ވަގުތުން ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު