ރާއްޖެއަށް 98 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ، އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ކަމަށްވާ ޢަބްދުﷲ އިބްރާހީމް (އަބުޗާ)، ޕެރޯލްގެ ދަށުން ދޫކޮށްލުމަށްފަހު އަނބުރާ ޖަލަށްލައިފިއެވެ.
ވަކި ޝަރުތުތަކެއް ކުރުމަށްފަހު އުމުރު ދުވަހުގެ ޖަލު ހުކުމުގައު ހުރި އަބުޗާ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މި ކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އަބުޗާ ދޫކޮށްލަން ޕެރޯލް ބޯޑުން ނިންމާފައި އޮތީ، އެ ގާނޫނުގައިވާ ބައެއް ކަންކަމަށް ރިއާޔަތްނުކޮށް ކަމަށެވެ. އެއާއެކު ޕެރޯލް ބޯޑުގައި ތިބި މެންބަރުން އެ ބޯޑުން ވަކިކޮށް، މިއަދު އަބުޗާވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ.

އަބުޗާ ހައްޔަރުކުރީ 2020ގައި ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކަނޑުމަތިންނެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާ ސާބިތުވި ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އޭނާ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ، އެއް ދައުވާ އުނިކޮށްދިނެވެ. އެއަށްފަހު، މިދިޔަ އަހަރުގެ މެއިމަހު އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލުމުން އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިހާރު އޭނާ ޖަލުގައި ހުރިއިރު، މަސްތުވާތަކެތި ޓްރެފިކު ކުރުންފަދަ ބޮޑެތި ކުށްތަކުގައި ބަންދުކުރެވޭ މީހުންނަށް މައާފުދީ، ނުވަތަ ޕެރޯލްގެ ދަށުން ވެސް ދޫކޮށްލުމަކީ މި ސަރުކާރުގެ ސިޔާސަތާ ދެކޮޅު ކަމެއް ކަމަށް މިނިސްޓަރު އިހުސާން މިއަދު ވިދާޅުވިއެވެ.
ޕެރޯލަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީއެއްގެ މުއްދަތު ހަމަވުމުގެ ކުރިން، ވަކި ޝަރުތުތަކަކަށް އެއްބަސްކުރުވައި މުޖުތަމައުއަށް ދޫކޮށްލުމެވެ. ޕެރޯލްގެ ދަށުން ގައިދީއަކު، ދޫކޮށްލަނީ އޭނާގެ ފުށުން މުޖުތަމައަށް އިތުރު ނުރައްކަލެއް ކުރިމަތިނުވާނެކަން ޔަގީން ކުރުމަށްފަހެވެ. އަދި އެ މުއްދަތުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއިން، އެ މީހެއްގެ ހަރަކާތްތައް ގެންދާނީ ގާތުން މޮނިޓާ ކުރަމުންނެވެ.
ޕެރޯލްގެ ދަށުން ދޫކޮށްލާ މީހާގެ ފުށުން ގޯސް އަމަލެއް ފެނިއްޖެނަމަ، ވަގުތުން ޖަލަށް ބަދަލު ކުރުމަށްފަހު، ހުކުމުގައިވާ ޖުމްލަ މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ.










ކިޔުންތެރިންގެ ހިޔާލު