ރަސްމާލޭގެ ރައްޔިތުން އަސާސީ ޚިދުމަތްތައް ހޯދުމަށާއި ވަޒީފާއަށް މާލެއަށް އަންނަން ނުޖެހޭނެ ގޮތަށް އެ ސިޓީ ތަރައްޤީކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އާމްދަނީ ލިބޭނެ ވަސީލަތްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިނުކޮށް ހަމައެކަނި ބޯހިޔާވަހިކަމެއް ދިނުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ. އަދި ދިވެހިންނަށް ހައްޤުވާ މިންވަރަކީ ހަމައެކަނި ރޭގަނޑު ނިދަންދާނެ ތަނެއް ހޯދައިދިނުން ކަމަށް ދެކޭ ދެކުން ސަރުކާރުން ބަދަލުކުރާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ހުޅުމާލެ ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސިނަމާލެ ބްރިޖު ހެދުމާ ހަމައަށްވެސް ހުޅުމާލެ އޮތީ ހަމައެކަނި ނިދަންދާ "ހާއްޔެއްގެ" ގޮތުގައި ކަމަށެވެ. އަދި މިއަދުވެސް ހުޅުމާލެއިން 60،000 އަށްވުރެ ގިނަ ރައްޔިތުން ވަޒީފާ އަދާކުރުމަށްޓަކައި ކޮންމެ ދުވަހަކު މާލެއަށް ދަތުރުކުރަން ޖެހިފައިވަނީ އެތަނުގައި އެކަށީގެންވާ ވަޒީފާއާއި އާމްދަނީ ލިބޭނެ މަގުތައް ފަހިވެފައި ނެތުމުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަސްމާލެ ތަރައްޤީކުރާނީ އެފަދަ ދަތިތައް ކުރިމަތިނުވާނެހެން، ހުރިހާ ޚިދުމަތަކާއި ވަޒީފާގެ ފުރުޞަތުތައް އެތަނުން ލިބޭނެ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމުން، އަންނަ އަހަރުގެ މެދުތެރޭގައި އެތަނުން ގޯތި ދޫކުރަން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި 150،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން، ރަސްމާލެ ފަރުމާކުރެވިފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި އިޢާދަކުރަނިވި ހަކަތައިން ކަރަންޓުގެ ޚިދުމަތް ލިބިދޭނެ، ގުދުރަތީ ކާރިސާތަކުގެ ހިރާސްތައް ކުޑަ ޝަހަރެއްގެ ގޮތުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.