ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޤާއިމުކޮށްފައިވާ ޒަމާނީ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުރި އީ-ގޭޓްތަކުން ދިވެހިންނަށް ޚިދުމަތް ދެމުން އައި ނަމަވެސް، މިއަދު ފެށިގެން މިދިޔަ ޚިދުމަތާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އަދި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ވެސް މި ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެއާޕޯޓުގެ އެރައިވަލްގައި 20 އީ-ގޭޓް އަދި ޑިޕާޗަރގައި 15 އީ-ގޭޓް ހަރުކޮށްފައެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މި ޚިދުމަތް މިވަގުތު ދެނީ ބޯޑަރު ކޮންޓްރޯލް ނިޒާމުތަކާ ގުޅުވާލެވިފައިވާ ކަނޑައެޅޭ ވަކި ޤައުމުތަކެއްގެ ޕާސްޕޯޓް އޮންނަ ފަތުރުވެރިންނަށެވެ. އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ ޕެސިފިކް، މެދުއިރުމަތި އަދި އުތުރު އެމެރިކާގެ ބައެއް ޤައުމުތައް ހިމެނެއެވެ. އަދި މި ޚިދުމަތް ފެށުމާއެކު ރާއްޖެއަށް މިހާރު ދަތުރުކުރާ މައިގަނޑު 31 އެއާލައިނެއްގެ ފަސިންޖަރުންނަށް އީ-ގޭޓް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނދުދަނޑިއެކެވެ. އައު ޓާމިނަލުގައި މިފަދަ ޒަމާނީ ނިޒާމެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަސިންޖަރުން އިމިގްރޭޝަން ކައުންޓަރުތަކުގެ ކިޔޫގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށް، ޚިދުމަތް އަވަސް އަދި ފަސޭހަކޮށްދިނުމެވެ.