ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑުތަނުން ޚަރަދު ކުޑަކުރެވި، މަޝްރޫޢު ނިންމުމަށް މިހާރު ހޭދަވާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށިއިރު މުޅި މަޝްރޫޢަށް ގާތްގަނޑަކަށް 500 އާއި 700 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ކުރިން އަންދާޒާކުރެވުނު ކަމަށެވެ. އެ ހިސާބުތައް އޭރު ބައްޓަންކުރެވުނީ އެ ދުވަސްވަރު ސަރުކާރުން ހިންގަމުންދިޔަ މަޝްރޫޢުތަކަށާއި، އޭރުގެ މާކެޓް ރޭޓުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުން ހިމަނައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު ވީހާވެސް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި، އެ ހިސާބަށް ދާއިރު މަޝްރޫޢަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށް ވަޒީރު ވިދާޅުވިއެވެ. މުޅި ރަސްމާލޭގެ 1109 ހެކްޓަރު ހިއްކުމަށް ދަޢުލަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިޔަން ޑޮލަރު ކަމަށާއި، 500 ހެކްޓަރަށް ބަލައިފިނަމަ އެއީ 160 މިލިޔަން ޑޮލަރު ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އޭރު އަންދާޒާކުރި އަދަދަކީ ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ފަދަ މަޝްރޫޢުތަކަށް ބަލައި އަންދާޒާކޮށްފައިވާ އަދަދުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން އެންމެ ޚަރަދު ކުޑަ ގޮތެއްގައި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރި މަސައްކަތުން ޚަރަދު ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ސިޔާސީ ބޭނުމުގައި އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މި މަޝްރޫޢާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް 700 އާއި 1000 މިލިޔަން ޑޮލަރު މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަސްމާލެއަކީ ރާއްޖޭގައި މިވަގުތުވެސް އޮތް ބިމުގެ ގޮތުން އެންމެ ތަނަވަސް ސަރަޙައްދެވެ. ރަސްމާލެ ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް، އެތަނުގެ ބިމުގެ 1000 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ބޭނުންކުރުމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުގައި މިރަށް ތަރައްޤީކުރާއިރު، ރަށުގެ އަނެއް ފަޅި ތަރައްޤީކުރަނީ ރިއަލް އެސްޓޭޓް ސިނާޢަތެއް އުފައްދައި އިޤްތިޞާދީ ހަރަކާތްތެރިކަން ދެމެހެއްޓުމަށެވެ.

ރަސްމާލެއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނެ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވިދާޅުވަމުންނެވެ. ރަސްމާލެ މަޝްރޫޢު ވާނީ، ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"ގެ މޮޑެލްއަށް އިންޑިޔާ ކަނޑުގައި ތަރައްޤީ ކުރާ ފުރަތަމަ "ޒީރޯ ކާބަން ސިޓީ" އަށެވެ. އަދި މިއީ ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްވުރެ ބޮޑަށް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ތިމާވެއްޓާ ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ހާމަކުރައްވައެވެ.