ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުހިންގަވާނެ ކަމަށެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެފަދަ ވޯޓަކަށް ދިއުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލާއި ޤާނޫނުތަކަށް ރިއާޔަތްކޮށްފައި ވަނީ ސީދާ ޤާނޫނުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މި ކަމުގައި އިތުރު ރެފަރެންޑަމެއް ހިންގަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މަނިކުފާނު ތަފުސީލުކޮށްދެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫއާ ގުޅޭ ކަންކަން ގަވައިދެއްގައި ބަޔާންކުރަން ފަސޭހަވި ނަމަވެސް، އެކަން ކުރެއްވީ ރިއަލް އެސްޓޭޓް ޤާނޫނުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަން އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ޙައްޤުތައް އެއްވެސް ކަންބޮޑުވުމެއް ނެތި ހިމާޔަތްކުރެވިފައިވާކަން އެ ޤާނޫނުގެ އަށްވަނަ ބާބުން ފެންނަން އޮންނާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ޚާއްސަ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ހުށަހެޅިގެންނެވެ.

ސަރުކާރުން އެ ގަރާރުގައިވާ ކަންކަމަށް އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް އެމްޑީޕީން ވަނީ ނިންމައިފައެވެ. މީގެ އިތުރުން، އެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމާލެ މަޝްރޫއަށް ތާއީދުކުރެއްވި ނަމަވެސް، ގައުމީ މަޖިލީހުގެ މެޖޯރިޓީން ނިންމީ ނަޝީދުގެ ވިސްނުފުޅާ ދެކޮޅަށެވެ.