ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރާ ސަރަޙައްދުގައި ހިންގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށާއި އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަޙައްދާ ކައިރީގައި ބިދޭސީ އާބާދީއެއް އުފެދުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް ސާފުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ސަރަޙައްދުގައި ދިވެހިރާއްޖޭގެ ޤާނޫނު ފުރިހަމައަށް ހިންގާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ބިދޭސީ އާބާދީއެއް އޮވެ އެ ސަރަޙައްދުގައި އެހެން ދީންތަކަށް ފުރުޞަތު ލިބޭނެ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެކެވެ. ރާއްޖޭގައި މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގައި އެއްވަގުތެއްގައި އަބަދުވެސް 2 ލައްކައެއްހައި ފަތުރުވެރިން ތިބޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެފަރާތްތަކަށްވެސް ރާއްޖޭގައި އެހެން ދީންތަކުގެ ދީނީ ކަންކަން ކުރުމުގެ ފުރުޞަތު ނޯންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިސޯޓުތަކުގައި ފަތުރުވެރިން ތިބި ނަމަވެސް، އެތަންތަނުގައި އެހެން ދީންތަކުގެ އަޅުކަން ކުރާ އިމާރާތެއް ނުހުންނަ ކަމަށާއި ހުންނަނީ މިސްކިތް ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލޭގައިވެސް ހުންނާނީ މިސްކިތް ކަމަށާއި، މާލޭ ސަރަޙައްދުގައި 1 ލައްކައާއި 2 ލައްކައާ ދެމެދުގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު ސިޔާސީ ވާހަކަދައްކާ ފަރާތްތަކުން އެކަމަށް ރިއާޔަތް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި ދާއިމަށް ބޭރު ބަޔަކު ވަޒަންވެރިވާނެ ކަމަށް ދެކެވޭ ވާހަކަތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮގުކުރައްވާފައެވެ. އެތަނުގައި ވަޒަންވެރިވެ ކިޔަވައިދިނުމާއި އެހެން ދީންތަކުގެ ބިނާތައް ހެދުމުގެ ފުރުޞަތު ދޭނެ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިން އެތަންތަނަށް އައިސްފައި ދާނެ ކަމަށާއި، އެތަންތަނުގައި އެފަރާތްތަކުގެ ދީނީ އެއްވެސް ކަމަކަށް ފުރުޞަތު ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުގައި ބޭރުގެ ސްކޫލެއްވެސް ނުހުންނާނެ ކަމަށާއި، އެ ސަރަޙައްދުގައި ދިވެހި ފުލުހުންގެ މަރުކަޒެއް ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން އެއްވެސް ބިދޭސީއަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ހުރި ކަންކަން ތަންފީޒު ކުރުމުގައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްޤީކުރާ މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.