ކުށުގެ ޒިންމާ ނަގަން ޖެހޭ އެންމެ ދަށް އުމުރު 12 އަހަރަށް ދަށްކުރުމަށް މަޝްވަރާކުރަމުން އަންނަކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ.
މިހާރު ރާއްޖޭގެ ގާނޫނުގައި އޮންނަ ގޮތުން ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އެންމެ ދަށް އުމުރަކީ 15 އަހަރެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ކުޑަކުދިން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ހިނގަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން މިހާރު މަޝްވަރާ ކުރަމުން އަންނަނީ އެ އުމުރު 12 އަހަރަށް ތިރިކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން މަސައްކަތް ކުރަނީ ކުދިންނަށް ހަމައެކަނި އަދަބު ދިނުމުގެ މަގުސަދުގައެއް ނޫނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ އުމުރަކީ 15 އަހަރު ކަމަށް ވިޔަސް، މުޖުތަމައުން ފެންނަ ހަގީގަތަކީ 13 އަހަރާއި 14 އަހަރުގެ ކުދިން ވެސް ކުށުގެ ވެށީގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާ ކަން ކަމަށް އިހުސާން ވިދާޅުވިއެވެ.
އެފަދަ ކަންކަމުން އެ ކުދިން ދުރުކުރުމަށް ބަލާއިރު، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަށީގެންވާ ފުރުސަތު ނުލިބޭތީ ސަރުކާރަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އުމުރު ދަށްކުރުމުގެ މައިގަނޑު ބޭނުމަކީ ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކޮށް، އެ ކުދިންނާއެކު ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މައްސަލައިގައި ގޮތެއް ނިންމައި ފިޔަވަޅު އެޅުމުގެ ކުރިން، ކަމާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި ކަމުވޮށިގެންވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.