ރާއްޖޭގައި މަސްތުވާތަކެެތީގެ މައްސަލަ ހައްލުކުރުމަށް އިތުރު 3 ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި،މި ސެންޓަރު ތަކާއެކު 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ މަގުތަކުގައި މަސްތުގެ ހާލުގައި ތިބޭ މީހުން ފެނުން އެއްކޮށް ހައްލު ވާނެކަމަށް ދާޙިލީ ސަލާމަތާ މަސައްކަތްތެރިކަމާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އަކީ 1980 އިން ފެށިގެން ތަހައްމަލު ކުރަމުންދާ ބޮޑު ވަބާއެއް ކަމަށާއި، ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ އަމާޒަކީ މިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާ ދިވެހި ރާއްޖެއަކީ މަސްތުވާތަކެތިން މިންޖު ވެފައިވާ ޤަައުމަކަށް ހެދުން ކަމަށެވެ.

އެގޮތުން މި މައްސަލަަ ހައްލުކުރުމުގައި ސަރުކާރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މުޖްތަމައު ތެރޭގައި މިކަން ތަހައްމަލު ކުރަމުންދާ މީހުން ބައިތިއްބައިގެން ފަރުވާގެ ނިޒާމް ހިންގުން ކަން ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

" ސަބަބަކީ އެ މީހާ ހުންނަނީ ހަމަ އެކަން ހިނގަން މެދުވެރިވި މުޖްތަމައުގަ. އެ ސޯޝަލް ސެޓިންގަ އަދި ހަމަ އެ މާހައުލުގަ. އެހެންވީމަ އެކަމަުން އަރައިގަންނަން ވަރަށް އުނދަގު. ވަރަށް މުހިންމު ކަމެއް އެއީ އައިސޮލޭޓް ކޮށްގެން އަދި އެކަމަށް ހާއްސަ މަރުކަޒުތަކަށް ގެންގޮސްގެން ފަރުވާ ދިނުން." ވަޒީރު އިހްސާން

މި ސަރުކާރުން ހަވާލުވިއިރު ދައުލަތުގައި 100 ވަރަކަށް މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް ހިންމަފުށީގައި ހުރިކަމަށާއި، އެގޮތުން އެ ސެންޓަރު ގައި 500 މީހުންގެ ޖާގަ އިތުރުކޮށް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކ.ކާށިދޫ އަދި ނ، ވެލިދޫގެ އިތުރުން ލ.ގަމުގައި ޤާއިމް ކުރާ ރިހެބިލިޓޭޝަން ސެންޓަރުތައް ނިމުމާއެކު، އެދެވޭ އަދަދަކަށް މީހުން ބައިތިއްބައިގެން ފަރުވާ ދެވެން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވާނީ ދިވެހި ރައްޔިތުުންނަށް މަގުމަތިން ފެންނަ މަންޒަރުތަކާ އިހްސާސް ވަމުން ދާ ކަންކަމަށް ބަދަލު އައުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.