މާލޭގެ ކަންމަތިތަކާއި ހަނި ގޯޅިތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، އެކަމަށް ޚާއްޞަކޮށްގެން އުފައްދަވާފައިވާ އޮފީހުގެ މަސައްކަތްތައް ފެށުމާއެކު އެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، މާލޭގެ މަގުތަކުގެ ކަންމަތިތަކާއި ގޯޅިތަކުގައި ޕާކުކުރުން މަނާ ބޯޑު ހަރުކޮށްފައި ހުންނައިރުވެސް އެ ބޯޑުތަކުގެ ކުރިމަތީގައި އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެއީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، އެކަމަށް ރަނގަޅު ޙައްލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ.

"ކަންމަތި ތަކުގައި ޕާކުކޮށްފައި ހުންނަ މައްސަލަ އެއީދެން ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. އެކަމަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ފެށޭނެ. އެކަމަށް ހާއްސަ ޓްރާންސްޕޯޓްގައި ވަކި އޮފީހެއްވެސް ހަދައިފިން. އެތަނުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. އެ މަސައްކަތް ފެށުނީމައި ހަނި ގޯޅިތަކާއި ކަންމަތިތަކުގައި ޕާކު ކުރީމައި ދަތިވާކަންކަމަށް ހާއްލު ގެނައުމަށް ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްޞަ އިދާރާއެއް ޖުލައި މަހުގެ 12 ވަނަ ދުވަހު އުފައްދަވާފައެވެ. މި އޮފީހަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުން ގަވަރނިންގ ބޯޑެއްގެ ލަފާގެ މަތިން ހިންގަމުންދާ އިދާރާއެކެވެ.

މި އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކު ކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި ތަރައްޤީކުރުން ހިމެނެއެވެ. އަދި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ދާއިމީ ޙައްލެއް ހޯދުމަށްޓަކައި އެކުލަވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ އިދާރާތަކަށް ލަފާދިނުމާއި، ޕްރޮގްރާމުތައް އެކުލަވައިލައި ތަންފީޒުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނީ މި އޮފީހުގެ ބެލުމުގެ ދަށުންނެވެ.