ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެއިލީ ޓައިމްސް އޮފް ބަންގްލަދޭޝް"ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ދަޢުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ. ތިން ދުވަހުގެ މުއްދަތަށް ރައީސް މުޢިއްޒު އެ ޤައުމަށް ވަޑައިގަތުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 13 ގައެވެ.

މީގެ އިތުރުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ދެ ދުވަހުގެ ދަތުރުފުޅެއްގައި އަންނަ މަހުގެ 7 ގައި ވެރިރަށް ޑާކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ވެރިންގެ މެދުގައި އޮތް ގުޅުން ވަރަށް ބަދަހިއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ 100،000 އަށްވުރެ ގިނަ މަސައްކަތްތެރިން ތިބުމާއެކު، ބަންގްލަދޭޝުން ދެކޭގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިއާގެ ސަރަޙައްދުގައި އެ ޤައުމަށް ވަރަށް މުހިންމު ބައިވެރިއެކެވެ.

މި ދަތުރުފުޅުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން ދެ ޤައުމުގެ ގުޅުން ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި ރިޕޯޓުތަކާ ގުޅިގެން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުޢިއްޒު ބަންގްލަދޭޝަށް އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ފެބުރުއަރީ މަހުގެ 16 އިން 18 އަށެވެ. އެއީ އެ ޤައުމުގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ.