ދޮށީ އުމުރުގެ ރައްޔިތުންނަށް ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ދޮށީ އުމުރުގެ ރައްޔިތަކު ހިއްސާކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދެއްކި މީހާ ފާހަގަކުރި ގޮތުގައި، ލުއި ލޯނު ލިބޭނެ އިންތިޒާމުތައް ފަހިކޮށްދީފައިވީ ނަމަވެސް، މުސްކުޅި އުމުރުގެ މީހުންނަށް ލޯނު ނުލިބޭ މައްސަލައަކީ ބޮޑު ކަންބޮޑުވުމެކެވެ. އަދި އަމިއްލަ ނަމުގައި ގެދޮރު ހެދުމަށް ލޯނު ނުލިބޭއިރު، ދަރިންގެ ނަމުގައި ލޯނު ނެގޭނެ ގޮތެއް ވެސް ނެތީ އެ ކުދިން ކިޔެވުމުގެ ލޯނާއި އެހެނިހެން ދަރަނިތައް ދައްކަމުންދާތީ ކަމަށް އޭނާ ބުންޏެވެ.

މި ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ އެވްރެޖް އުމުރު ކުރިން ކުރު ނަމަވެސް، މިހާރު އެވްރެޖް އުމުރު ހުރީ ގާތްގަނޑަކަށް 80 އަހަރުގައި ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ މިހާރުގެ އުސޫލުގައި އޮންނަ 60 އަހަރުގެ ލިމިޓަކީ އެންމެ އެކަށީގެންވާ އުމުރެއް ކަމަށް ދެކެވަޑައިނުގަންނަވާތީ، އެ ލިމިޓް 65 އަހަރަށް ނުވަތަ އެއަށް ވުރެ ވެސް މައްޗަށް ބަދަލުކޮށްދިނުމަށް ބޭންކަށާއި ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

"އަޅުގަނޑު އެދިފައި އޮންނާނީ 65 އަހަރާ ހަމައަށް ނޫނިއްޔާ އެއަށްވުރެ ވެސް މައްޗަށް އޭޖް ލިމިޓް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިކަމަށް އެކަށީގެންވާ ހައްލެއް އަންނާނެ ކަމަށާއި، މިހާރު ވެސް ބައެއް ބަދަލުތައް ގެނެސްފައި ހުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކުން މި މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ އުންމީދު އެމަނިކުފާނު ވަނީ ދެއްވާފައެވެ.