ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ކުރިން ގެނައި ބަދަލު އަނބުރާ ގެންގޮސް، އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން ދޭ ޚިދުމަތްތަކުން ޓެކްސް ނަގަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެ ބަދަލާ އެއްގޮތަށް ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެ ބަދަލާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިޔާ އާއި އިންޑިއާގެ އިތުރުން ޔޫރަޕުގެ ބޮޑެތި މާކެޓުތަކުގެ ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ބަދަލުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކާއި ގެއްލުންތައް ބަޔާންކޮށް ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ ކަމާބެހޭ އިދާރާތަކުން މީރާއަށް ސިޓީ ވެސް ފޮނުވާފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، އެ ނިންމެވުން ބަދަލުކުރައްވަން ނިންމެވިކަން ރައީސް ޑރ. މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ވަނީ ގާނޫނަށް ގެނައި އެ ބަދަލު އަނބުރާ ގެންދިއުމަށް ފާސްކޮށްފައެވެ.
މީގެއިތުރުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު މަތިކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީއަށް އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
އެ އިސްލާހުގައިވާ ގޮތުން، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ޓެކްސް ނެގޭ މުއާމަލާތްތަކުން ލިބޭ ޖުމްލަ އާމްދަނީ 1 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް މިހާރު އޮންނަ އުސޫލު، 1.5 މިލިއަން ރުފިޔާއަށް ބަދަލުވާނެއެވެ. އަދި މިހާރު އޮތް 1 މިލިއަން ރުފިޔާގެ އިންފާރަށް އަމަލުކުރާނީ މިއަހަރުގެ ނިޔަލަށެވެ.
އަދި މިހާރު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ވިއްކި މުދަލާއި ދިން ޚިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ ދަށްވެއްޖެނަމަ ނުވަތަ ކުރިއަށް އޮތް 12 މަސްދުވަހު އެ އަދަދަށް ވުރެ ދަށްވާނެ ކަމަށް ލަފާކުރެވޭނަމަ، ރަޖިސްޓްރޭޝަން ބާތިލުކުރުމުގެ ފުރުސަތު ވެސް އެ އިސްލާހުގެ ދަށުން ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.