ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ނުވަތަ 'ޕީކް ސީޒަން' ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މުއްސަނދިންނާއި މަހުޖަނުންގެ ޕްރައިވެޓް ޖެޓުތައް ރާއްޖެއަށް ދަތުރުކުރަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސީޒަންގެ މި ފެށުމާއެކު ވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މިހާރު ވެސް ވަނީ ހަ ޖެޓެއް ޕާކުކޮށްފައެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ ޖެޓުތައް ރާއްޖެއަށް އަންނައިރު، މިއީ އެއަރޕޯޓަށާއި ޤައުމުގެ އިޤްތިޞާދަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާ ކަމެކެވެ.
މި ދުވަސްވަރާ ދިމާކޮށް ޝެޑިއުލް ފްލައިޓްތައް ނުވަތަ ކޮމާޝަލް އެއަރލައިންތަކުގެ ދަތުރުތައް ވެސް ރާއްޖެއަށް ވަނީ އިތުރުވާން ފަށާފައެވެ. އޭގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެންދާއިރު، ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި ސެލެބްރިޓީން ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އަންނަ މިންވަރު ފާހަގަކޮށްލެވޭ ވަރަށް އިތުރުވެއެވެ. ވީއައިއޭގެ އިތުރުން ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެސް މި ދުވަސްވަރު ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓުތައް ޖައްސައެވެ.
ޖުގުރާފީ ގޮތުން ދުނިޔޭގެ މުހިންމު ސަރަޙައްދެއްގައި ރާއްޖެ އޮތުމާއެކު، ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒެއް ނުވަތަ 'އޭވިއޭޝަން ހަބް' އަކަށް ރާއްޖެ ބަދަލުކުރެވިއްޖެނަމަ ޤައުމަށް ލިބޭނެ މާލީ އަދި އިޤްތިޞާދީ މަންފާތައް ވަރަށް ބޮޑެވެ. ޚާއްޞަކޮށް، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިހާރު ވަރަށް ފުރިހަމައަށް ތަރައްޤީ ކުރެވެމުންދާއިރު، އެ އެއަރޕޯޓް އެންމެ ފުރިހަމަ ގޮތުގައި ހިންގައި، އޭގެ ޙަޤީޤީ ފައިދާ ހޯދުމަށް މިފަދަ ވައިގެ ދަތުރުފަތުރުގެ ފުޅާ ނިޒާމެއް ރާއްޖެއަށް ކޮންމެހެން ވެސް ބޭނުންވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.