ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ލ. ފޮނަދޫ އަދި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ވުޒާރާއިން އާންމުކުރި އިއުލާނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިމަރަފުށީގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ހަމަޖެހިފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ. މީގެއިތުރުން ފޮނަދޫގައި ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
މި މަޝްރޫއުތަކާ ގުޅޭގޮތުން ބީލަންވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުންތައް އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހާއި 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނުވަތަ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު [email protected] އަށް ފޮނުވަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ބީލަން ފޮތް ގަތުމަށް އެދޭ ފޯމު މިހާރު އިއުލާނާއެކު ޝާއިއުކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ގަނެވޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މަޝްރޫއުތަކާ ގުޅިގެން އެއްވެސް ސުވާލެއް ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ޖެނުއަރީ 5 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ފޮނުވަން ވާނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.