މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،888،354 (އެއް މިލިއަން އަށްލައްކަ އަށްޑިހަ އަށްހާސް ތިންސަތޭކަ ފަންސާސް ހަތަރެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1،947،991 ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 3 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޚިޔާރުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކެވެ. އެގޮތުން 403،888 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 41،301 މީހުން އަދި ސަފާރީ އުޅަނދުފަހަރުގައި 36،411 ފަތުރުވެރިން ވަނީ ދުވަސްތައް ހޭދަކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނައިރު، މިހާރުވެސް 20 އަތޮޅެއްގެ 111 ރަށެއްގައި މި ވިޔަފާރި ދަނީ ހިންގަމުންނެވެ.
މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ ޢަދަދަކީ 68،128 އެވެ. މީގެ ތެރެއިން 25 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކެވެ. އެއީ ޖުމްލަ 16،866 އެނދެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.