މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.2 މިލިއަނަށް ވުރެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގިއްޖެއެވެ. މިއީ ރާއްޖެއަށް އައި ޖުމުލަ ފަތުރުވެރިންގެ %74 އެވެ.
އެ ވުޒާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 1.7 މިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި މީހުންގެ އަދަދަކީ 1,282,773 އެވެ. ރާއްޖެ އަންނަ ގިނަ މީހުން ރިސޯޓުތައް އިޚްތިޔާރުކުރާއިރު، ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަޑުކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ %21 ކަމަށްވާ 375,306 މީހުންނެވެ.
މީގެއިތުރުން ހޮޓާތަކުގައި 38,911 ފަތުރުވެރިން މަޑުކުރިއިރު، ސަފާރީ އުޅަނދުފަހަރުގައި ދަތުރުކޮށް ޗުއްޓީ ހޭދަކުރީ 33,281 މީހުންނެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
މާކެޓްތަކުގެ ތަރުތީބުން އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކަކީ:
ޗައިނާ: 328,058 ފަތުރުވެރިން
ރަޝިއާ: 251,214 ފަތުރުވެރިން
އިނގިރޭސިވިލާތް: 133,337 ފަތުރުވެރިން
ޖަރުމަނުވިލާތް: 116,774 ފަތުރުވެރިން
އިޓަލީވިލާތް: 104,140 ފަތުރުވެރިން
ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމަށްޓަކައި މިވަގުތު ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ 1,299 ތަނެއް ހުރިއިރު، އެ ތަންތަނުން ޚިދުމަތް ދިނުމަށް ޖުމުލަ 69,051 އެނދު ވަނީ ތައްޔާރުކޮށްފައެވެ.
ރިސޯޓުތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން، ރާއްޖެ ޒިޔާރަތްކުރާ މީހުންގެ ބޮޑު ބައެއް ލޯކަލް ޓޫރިޒަމް އިޚްތިޔާރުކުރަމުންދާއިރު، މިއީ ރަށްރަށުގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންގެ ޖީބުތަކަށް ވަންނަ އާމްދަނީ އިތުރުވެގެންދާ މުހިންމު ސަބަބެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.