ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށާއި، ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 އަށް ތައްޔާރުވުމަށްޓަކައި އެންމެ ފަހުގެ އިންތިޒާމުތަކުގެ މަސައްކަތްތަކެވެ.
ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓްއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާނީ އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓްއެވެ. އައްޑުއަތޮޅު އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ.
މި ބައި-އިލެކްޝަނުގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހއ. ވަށަފަރު އަދި ވ. ތިނަދޫގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒު ހުންނާނީ އެ ރަށެއްގެ ސްކޫލުގައެވެ. އަދި ސ. ހުޅުދޫގައި ޤާއިމުކުރާ 3 ވޯޓުލާ މަރުކަޒުތައް ހުންނާނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައެވެ. އަދި މާލޭގައި ޖަމާލުއްދީން ސްކޫލުގައި 4 ވޯޓުލާ މަރުކަޒުގެ އިތުރުން ހުޅުމާލެ ފޭސް 1، ސީ.އެޗް.އެސް.އީ ހޯލްގައި 1 މަރުކަޒު ޤާއިމްކުރެވޭނެއެވެ.
ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ 81 އޮފިޝަލުންނަށް ބައި-އިލެކްޝަނާގުޅޭ މަޢުލޫމާތު ދިނުމަށާއި އޮފިޝަލުން އަމަލުކުރަންވީގޮތާގުޅޭ ގޮތުން އަމަލީ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލެހެއްޓުމުގައި ބައިވެރިވާ މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް އޮންލައިންކޮށް މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި މި ބައި-އިލެކްޝަނުގައި 100އަށްވުރެ ގިނަ ފަރާތަކުން މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ބައި-އިލެކްޝަން ކުރިއަށްދާއިރު ހަރަކާތްތެރިވާނެއެވެ.
2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ނުވަތަ މައްސަލަތައް ފޮނުވަން ބޭނުންވާ ފަރާތްތަކަށް "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް [email protected] ފޮނުވުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވޯޓުނެގުމަށް ހަމަޖެހިފައިވާ، ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ/މައްސަލަ ހުށަހެޅޭނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.