ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ހަރުދަނާ ހިފެހެއްޓުންތަކެއް ނުވަތަ ރެސްޓްރިކްޝަންތަކެއް ގެނައުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، އެކަމާ ގުޅޭ ޚާއްޞަ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅައިފިއެވެ. މި ފިޔަވަޅަކީ އޮންލައިން މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކޮށް، ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުދިން ސޯޝަލް މީޑިއާއިން ދުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ޓެކްނިކަލް ޓީމުތަކުގެ ލަފަޔާއެކު އެކުލަވައިލެވުނު ކަރުދާހެއް ސޯޝަލް ކައުންސިލަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، ސޯޝަލް ކައުންސިލްގެ މަޝްވަރާއާއި ލަފާ ހޯދުމުގެ އިތުރުން، އާންމުންނާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެއަށްފަހު، މިކަމާ ގުޅޭ ޚާއްޞަ ސިޔާސަތެއް އެކުލަވައިލައި ވަޒީރުންގެ މަޖިލީހަށް (ކެބިނެޓަށް) ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ ނަމޫނާތަކަށް ބަލައިގެން ރާއްޖޭގެ ޑިޖިޓަލް މާހައުލަކީ ކުދިންނަށް އަމާން ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުޑަކުދިން ސޯޝަލް މީޑިއާގެ ނުރައްކާތަކުން ހިމާޔަތްކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސައިބަރ ބުލީންގ އަދި އޮންލައިން ގްރޫމިންގ ފަދަ ގެއްލުންހުރި ނޭދެވޭ ކަންކަމުގެ ޝިކާރައަކަށް ޒުވާނުންނާއި ކުޑަކުދިން ވެގެންދިޔުމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން އެފަދަ ނުރައްކާތަކުން ޅަދަރިން ހިމާޔަތްކުރުމަކީ މުޅި މުޖުތަމަޢާއި ދައުލަތުގެ ބޮޑު މަސްއޫލިއްޔަތެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށާއި، ބައިނަލްއަޤްވާމީ ސޯޝަލް މީޑިއާ ކުންފުނިތަކާއެކު ވާހަކަދައްކައިގެން ހައްލުތަކެއް ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ބަދަލުތައް ތަންފީޒުކުރުމުގައި މަދަނީ ޖަމްޢިއްޔާތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ސިޔާސަތުގެ އަމާޒަކީ އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމު އަމަލީގޮތުން ތަންފީޒުކުރަން ފެށުމެވެ. އަދި މި ފިޔަވަޅަކީ ޓެކްނޮލޮޖީއާއި އިންޓަނެޓްގެ ޒަރީއާއިން ކުދިންނަށް އުނގަންނައިދިނުމާއި ހުނަރު ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ހުރަސްއެޅުމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ޑިޖިޓަލް ދުނިޔޭގައި ފޯރާ ގެއްލުންތަކުން ދިވެހި ދަރިން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.