ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެސްއެމްއީ ޑިޖިޓަލް އިން ކ. ގުރައިދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މާދަމާ، 26 ނޮވެމްބަރުގައި ގުރައިދޫގައި ކުރިއަށްދާ އެންގޭޖްމަންޓް ސެޝަން އިންތިޒާމްކޮށްފައިވަނީ އެސްއެމްއީ ޑިޖިޓަލް އޮޑިންރަށަށް ރޭސް އެކްސްޕޯއާ ގުޅުވައިގެންނެވެ. މި ސެޝަންގެ މައިގަނޑު މަގުސަދަކީ އެ ރަށުގައި ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދެނެގަތުމާއި، ވިޔަފާރި ފަށަން ނުވަތަ ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ ތަފާތު ފައިނޭންސް ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތާއި އެ ފައިނޭންސިންގއަށް އެދޭނެ ގޮތުގެ އިރުޝާދު ހިއްސާކުރުމެވެ. މީގެއިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގުރައިދޫގައި ބާއްވާ މި ސެޝަނަކީ 2026 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ކުރިއަށް ގެންދާ މިފަދަ އެންމެ ފަހު ސެޝަނެވެ. މި އަހަރުގެ މިހާތަނަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ހއ، ހދ، ށ، ނ، ޅ، ކ، ލ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި މިފަދަ އެންގޭޖްމަންޓް ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެ ކުންފުނީގެ އަމާޒަކީ އަންނަ 2027 ވަނަ އަހަރުވެސް އިތުރު އަތޮޅުތަކަށް ޒިޔާރަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ފުރުސަތުތައް ފަހިކޮށްދީ، ގައުމީ އިގްތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު އިތުރަށް ފުޅާކުރުމެވެ.
މި ދަތުރުގެ ތެރެއިން، ސްވިމް މޯލްޑިވްސްއާ ގުޅިގެން މުޅިން ތަފާތު ގޮތަކަށް އިންތިޒާމްކޮށްފައިވާ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ހަރަކާތް އޮންނާނީ 27 ނޮވެމްބަރުގައެވެ.
ހަމައެއާއެކު، އެސްއެމްއީ ޑިޖިޓަލްގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ހައިޖީން ޕެކާއި މެންދުރުގެ ކެއުން ހަމަޖައްސައިދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.