ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ 3 ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިޔަނަށް އިތުރުކޮށްފިއެވެ.

ފައިނޭންސިންގ ލިމިޓް އިތުރުކޮށްފައިވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފައިނޭންސް ދޫކުރާ، އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ އަދި ވެސެލް ފައިނޭންސިންގއަށެވެ.

އެސްއެމްއީ ޑިޖިޓަލް އިން މައުލޫމާތުދެއްވި ގޮތުގައި ކުރިން 5 މިލިޔަނަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިޔަނަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއިއެކު ކުރިއަރަމުން އަންނައިރު، އެވިޔަފާރިތަކުގެ ފައިނޭންސިންގ ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހިކުރުމުގެ ގޮތުންކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ފައިނޭންސް އިތުރުކުރި ފެސިލިޓީތައް
* އެސެޓް ފައިނޭންސިންގ- ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް

* ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ- 2 އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ޚަރަދުކުރުމުގެ އިތުރުން އާ މަކެޓްތަކަށް ވަނުމަށާއި އިތުރު އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް

* ވެސެލް ފައިނޭންސިންގ- މުޅިން އަލަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އުޅަނދު ގަތުމަށް އަދި ބަނުމުގެ އިތުރުން އުޅަނދުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް (މީގެ ތެރޭގައި ޑައިވް ދޯނި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންގެ ހޯދުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކަށް ފައިނޭންސް ކޮށްދޭ)

ރާއްޖޭގެ ހަރަކާތްތެރިވާ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވެފައިވާއިރު، އެ ވިޔަފާރީގެ ބޭނުންތަކަށް އެކަށޭނަ މިންވަރަށް ފައިނޭންސިންގ ފުރުސަތުތައް ފަސޭހައިން ލިބެން ހުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް ލިބިގެންދާ ބާރެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.

މިބަދަލާއި ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ "ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރި އެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށެވެ.

" މި ބަދަލަކީ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ބަދަލެއް ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަން. އެސްއެމްއީ ޑިޖިޓަލް އިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގެ ބައިވެރިއެއް ގޮތުގައި." ބަދުރުއްދީން

މި ފައިނޭންސިންގ ފުރުސަތުތަކަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު www.smedigital.mv ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.