ރާއްޖޭގައި އެކުއަކަލްޗަރ ދިރުންތައް އާލާކުރުމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ޗައިނާގެ ކަމާގުޅޭ ކުންފުންޏަކާއެކު މަޝްވަރާކުރައްވައިފިއެވެ.
ވަޒީރު މި މަޝްވަރާތައް ކުރައްވާފައިވަނީ "7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް" ގެ އިންތިޒާމުކުރާ ފަރާތްތަކުގެ ދަޢުވަތަކަށް ޗައިނާގެ ހައިނާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ލިންގްޝުއީ ޗެންހައި ސީޑް އިންޑަސްޓްރީ ކޯ ލިމިޓެޑް އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ރަސްމީ ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ލިންގްޝުއީ ޗެންހައި ސީޑް އިންޑަސްޓްރީ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުކާނާގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާ ފެނުގައި ދިރޭ ތަކެތީގެ އޮށް (ސީޑް) އާލާކުރުމާއި، އެކުއަކަލްޗަރ ޓެކްނޮލޮޖީތައް ކުރިއެރުވުމުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.
މި ޒިޔާރަތުގެ ތެރެއިން ވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުން ވަނީ އެ ކުންފުނިން ކަނޑުގެ ދިރުންތަކުގެ އޮށް އާލާކުރުމުގައި ކުރަމުންދާ ދިރާސާތަކާއި، އުފެއްދުންތެރިކަމުގެ ނިޒާމުތައް ބައްލަވާލައްވައި، އެ ދާއިރާއިން ގެންގުޅޭ އައު އީޖާދުތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވާފައެވެ.
މި ބައްދަލުވުމަކީ އެކުއަކަލްޗަރގެ ދާއިރާއަށް އަލަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ލިބުނު އަގުހުރި ފުރުޞަތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ފަންނީ އެއްބާރުލުން ދިނުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ޒިޔާރަތުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.