ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުމަށް ފަށައިފައިވާ މަސައްކަތް ފަހިކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އެއް އިސްލާހަކީ އެއީ މަސްވެރިކަމުގެ ގާނޫނަށް ގެނެވޭ އިސްލާހުކަމަށެވެ. އަނެއް އިސްލާހަކީ ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލެވެ.
“ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ގާނޫނަކަށް ބަދަލުވެގެން ދާއިރު ރާއްޖޭގައި މެރިކަލްޗާ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންވެސްޓް ކުރުމުގައި އަދި ބޭރުގެ އިންވެސްޓްމަންޓުންތައް ގެނައުމުގައި ފަހި މާހައުލެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ގާއިމްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މެރިކަލްޗާއަކީ ކަނޑުގެ ސަރަހައްދުގައި، ކޮށި ނުވަތަ އެހެންވެސް ހާއްސަ ނިޒާމުތަކެއް ގާއިމުކޮށްގެން ވިޔަފާރީގެ އުސޫލުން މަސްމަހާމެއްސާއި ކަނޑުގެ ދިރުންތައް އާލާކުރުމެވެ. މިއީ މަސްވެރި ސިނާއަތް ސިންދަފާތުކުރުމަށް ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅެކެވެ. ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ތަރައްގީ ކުރުމަށްޓަކައި 6 އަތޮޅަކުން 13 ޒޯނެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
މެރިކަލްޗާ ދާއިރާ ފުޅާކުރުމަށްޓަކައި ސަރުކާރުން ގިނަ ކަންކަން ކުރަމުންދާއިރު މި ސިނާއަތަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ސިލްސިލާގޮތެއްގައި ދަނީ ބާއްވަމުންނެވެ. އަދި މެރިކަލްޗާގެ މަސައްކަތްތަކުގެ ދަށުން 2025 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސިނާއީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު