ކޮންޓެއިނަރު ބޭނުންކޮށްގެން މަސް ގެންގުޅޭ ޒަމާނީ ނިޒާމުތަކާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، އަކޭލާ މޯލްޑިވްސް ކުންފުނީގެ މަންދޫބުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ވާޑެޓެރާ ކުންފުނިން އޮޕަރޭޓްކުރާ ކޮންޓެއިނަރުގައި މަސް ގެންގުޅޭ ނިޒާމުތަކުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވީ އެކުއާކަލްޗަރ ނުވަތަ މަސް އާލާކުރުމާއި ދަނޑުވެރިކަން އެކުލެވޭ އިންޓަގްރޭޓެޑް ފާމިންގ ނިޒާމަކަށެވެ. މި ނިޒާމުގައި، މަސް ގެންގުޅޭ ފެނުގައި އެކުލެވޭ މާއްދާތައް 'ފާޓިގޭޝަން' ގެ ޒަރީއާއިން އަލުން ދަނޑުވެރިކަމަށް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފާޓިގޭޝަނަކީ ގަސްގަހާގެއްސަށް ފެންދޭ ނިޒާމުގެ ތެރެއިން އެއަށް ބޭނުންވާ މުހިންމު ކާނާއާއި މާއްދާތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އުކުޅެކެވެ. މިގޮތަށް މަސް ގެންގުޅޭ ފެން އަލުން ދަނޑުވެރިކަމުގައި ގަސްގަހާގެހި ހެއްދުމަށް ބޭނުންކުރުމުން އިސްރާފު ކުޑަކުރެވި، ދަނޑުވެރިކަމަށް ބޭނުންވާ އިތުރު ގަސްކާނާއާއި ކެމިކަލްތަކަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އައު އީޖާދީ ނިޒާމަށް މިނިސްޓަރު ޝިޔާމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކޮށްގެން، މަސް އާލާކުރުމާއި ދަނޑުވެރިކަން އެއްފަސްކޮށް ގުޅުވައިލުމަށް ލިބިގެންދާ ފުރުޞަތުތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އިންޓަގްރޭޓެޑް ނިޒާމުގެ ސަބަބުން، މަސް ގެންގުޅުމުގެ ތެރެއިން އުފެދޭ ފެނާއި މާއްދާތައް ފައިދާހުރި ގޮތެއްގައި ބޭނުންކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މީގެއިތުރުން، ރާއްޖެއަކީ ބިމުގެ ޖާގަ އަދި މީރުފެނުގެ ވަސީލަތްތައް މަދު ޤައުމަކަށް ވުމުން، ކޮންޓެއިނަރު ބޭނުންކޮށްގެން މިފަދަ ޒަމާނީ އަދި އީޖާދީ ދަނޑުވެރިކަމުގެ ވައްޓަފާޅިތައް ތަޢާރަފުކުރުމަކީ ރާއްޖެއަށް އިންތިހާއަށް މުހިންމު އަދި ބޭނުންތެރި ކަމެއްކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.