އަމިއްލަ އަންހެން ދަރިފުޅާމެދު ޖިންސީ އަމަލެއް ހިންގުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިން މައްސަލައިގައި ހދ. ކުޅުދުއްފުށީ ޕެންޒީމާގޭ ނަސީމާ އަލީ 18 އަހަރާއި 6 މަސްދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ނަސީމާގެ މައްޗަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ދެ ދައުވާއެއް އުފުލިއެވެ. ފުރަތަމަ ދައުވާއަކީ 2014 ވަނަ އަހަރުން ފެށިގެން ނަސީމާގެ އަންހެން ދަރިފުޅާމެދު ތަފާތު އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގުމަށް މާލޭ، ހ. ގޯލްޑަންޝަވާ މަހްމޫދު ހުސެއިނަށް ހިތްވަރުދީ އެކަމަށް މަގުފަހިވާނެ ގޮތަށް އަމަލުކޮށްފައިވާތީ ކުރި ދައުވާއެވެ. އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގެ ދައުވާއެވެ.

ދެވަނަ ދައުވާއަކީ އެ ކުއްޖާއާމެދު އެ މީހާ ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ހިމެނޭ މަހްމޫދު ހުސެއިނަކީ ބޮޑުބޭބެއެއްގެ މަގާމުގައި ހުރެ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 17 އަހަރާއި 6 މަސްދުވަހަށް ޖަލަށްލުމަށް 2016 ވަނަ އަހަރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.

އިޝްތިހާރު އިޝްތިހާރު

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ނަސީމާގެ މައްޗަށް ކުރި ދައުވާގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުން ނަސީމާ ކުށްވެރިވާކަމަށް ކަނޑައަޅައި، 18 އަހަރުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. އަދި ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ 6 މަސްދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރިއެވެ.

ނަމަވެސް އެ ހުކުމްތައް ނަސީމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދަށު ކޯޓުގައި މައްސަލަ ހިންގިއިރު މައްސަލައިގެ ލިޔުންތައް ނަސީމާއަށް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތްކަމަށް ހައިކޯޓުން ނިންމިއެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކުރާ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތް ނަސީމާއަށް ލިބިދީފައި ނުވާކަމަށް ކަނޑައަޅައި، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ.

ހައިކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ނަސީމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި ދަށު ކޯޓުން ނަސީމާއަށް އެކަށީގެންވާ ވަސީލަތް ލިބިދީފައި ނުވާކަމަށް ބެލެވޭނެ ތަނެއް ނެތުމުން، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އެއާއެކު، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުގައި ނަސީމާ 18 އަހަރަށް ޖަލަށްލުމަށާއި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި 6 މަސްދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ތާއީދުކުރައްވާފައެވެ.