ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން މަޤާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުން، އެކަން ޤަބޫލުކޮށް ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމުގެ ހުއްދަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދީފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ޢަލީ ރަޝީދު އެދިވަޑައިގެންފައިވާ ގޮތަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭނާ ރިޓަޔާކުރެއްވުމަށް އެ ކޮމިޝަނުން ނިންމީ މިދިޔަ މަހުގެ 28 ގައެވެ. އަދި އޭނާ ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވާ މަޤާމަށް އާ ފަނޑިޔާރަކު ޢައްޔަންކުރުމަށްޓަކައި، ފަނޑިޔާރުންގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ފަނޑިޔާރު ޢަލީ ރަޝީދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޖަލު ޙުކުމުގެ ޝަރީޢަތް ހިންގެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޤާޟީއެވެ.

އިޝްތިހާރު އިޝްތިހާރު

އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވުމުން، އެ މަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އޭނާ އެ ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 8 ސެޕްޓެމްބަރު 2020 ގައެވެ. އެހެންކަމުން، އޭނާ މަޤާމުން ރިޓަޔާ މި ކުރައްވަނީ ސުޕްރީމް ކޯޓުގައި ގާތްގަނޑަކަށް ހަ އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ.