އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓްގެ 12 ވަނަ ޑިސްޓްރިކްޓްގެ ގޮނޑި ކާމިޔާބުކޮށް، އެ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ބުރުގާ އަޅާ ފުރަތަމަ މުސްލިމް އަންހެން ބޭފުޅާގެ ޝަރަފު އަބީރް ކަވާސް ހޯއްދަވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ. މިއީ މުޅި އެމެރިކާގެ ސްޓޭޓް ފެންވަރުގެ ގާނޫނުހަދާ މަޖިލީހަކަށް ފަލަސްތީނު ދަރިކޮޅުގެ ބޭފުޅަކު އިންތިޚާބުވި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.
ވޯޓު ގުނުމުގެ 90 އިންސައްތަ ނިމި، ނިއުޔޯކް ޓައިމްސްއިން އޭނާ ކާމިޔާބު ހޯއްދަވާފައިވާ ކަމަށް އިއުލާނުކުރިއިރު، އަބީރް ވަނީ ވޯޓުގެ 75 އިންސައްތަ ހޯއްދަވާފައެވެ. މި ބޮޑު ކާމިޔާބީއާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވިދާޅުވީ، "އަހަރެމެން ތާރީޚު ބަދަލުކޮށްފީމު" ކަމަށެވެ.
ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާ (ޑީއެސްއޭ) ގެ މެންބަރެއް ކަމަށްވާ އަބީރް ކެމްޕޭނު ކުރެއްވީ "ކަރާމާތަށް ޚަރަދުކުރޭ، ހަލާކާ ދެކޮޅަށް މަސައްކަތްކުރޭ" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ ދަށުން އޭނާ އިސްކަންދެއްވީ އެންމެންނަށް ލިބޭ ސިއްހީ ޚިދުމަތް، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމު، އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، ހިޖުރަކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން "ހަނގުރާމައަށް ފައިސާ ނުދިނުމަށެވެ". މި އިންތިޚާބުގައި ސެނެޓަރ ބާނީ ސޭންޑަރސް އާއި ކޮންގްރެސް ވުމަން ރަޝީދާ ތުލައިބު ފަދަ ޑިމޮކްރެޓިކް ޕާޓީގެ ފުންނާބުއުސް އިސްވެރިންގެ ތާއީދު އަބީރަށް ލިބިވަޑައިގެންނެވިއެވެ.
ސިޔާސީ ދާއިރާއަށް ނުކުންނެވުމުގެ ކުރިން 15 އަހަރު ވަންދެން މަސައްކަތްތެރިންނާއި، ރެފިއުޖީންނާއި، ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރެއްވި އަބީރަކީ، ފަލަސްތީނުގެ ބިންތަކަށް ޔަހޫދީ އިސްރާއީލުން ވެރިވެގަތުމަށް ފައިސާދޭ އެމެރިކާގެ ޖަމިއްޔާތައް ހުއްޓުވުމަށް "ނޮޓް އޮން އަވަރ ޑައިމް" ގެ ނަމުގައި ކެމްޕޭނެއް ފެއްޓެވި ބޭފުޅެކެވެ. މީޑްލް އީސްޓް އައި (އެމްއީއީ) އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ޗެރިޓީގެ ނަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ނިއުޔޯކުން ފައިސާ ފޮނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އާ އެކު ނިއުޔޯކްގެ އިދާރާތަކުން ބާއްވާ ގުޅުން ކަނޑާލުމަށް "ނިއުޔޯކް ފޯ އޯލް އެކްޓް" ފާސްކުރުމަށް އަބީރް ވަކާލާތު ކުރައްވައެވެ. މިއީ އޭނާގެ ހައިސްކޫލް ދައުރުގައި ބައްޕަ ޖޯޑަންއަށް ޑީޕޯޓްކޮށްލުމާ ގުޅިގެން އާއިލާއަށް ދިމާވި އިގްތިސާދީ އަދި ނަފްސާނީ ދަތިތަކުގެ އަމިއްލަ ތަޖުރިބާއިން އައި ނިންމުމެކެވެ.
ފަލަސްތީނުގެ ހައްގުގައި ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރައްވާ އަބީރަކީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހަށް ނިއުޔޯކަށް ދިޔުމާ ދެކޮޅަށް އަޑުއުފުލައި ހައްޔަރުކުރެވުނު ބޭފުޅެކެވެ. އަދި ނިއުޔޯކް ފުލުހުން (އެންވައިޕީޑީ) އިން އިސްރާއީލުގެ ކުންފުންޏަކާ ގުޅިގެން އޭއައި މެދުވެރިކޮށް ފޯނު ޓްރެކްކުރުމަށް ހެދި 750,000 ޑޮލަރުގެ އެއްބަސްވުމާ ދެކޮޅަށް އަޑުއުފުއްލެވި އެއް ލީޑަރަކީ ވެސް އަބީރެވެ. އެ އިހުތިޖާޖުތަކާ ގުޅިގެން ފުލުހުން ވަނީ ފަހުން އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އަބީރް ކަވާސްގެ މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފަލަސްތީނުގެ މިނިވަންކަމަށާއި އިންސާނީ ހައްގުތަކަށް ތާއީދުކުރާ ފަރާތްތަކުގެ ނުފޫޒު ފުޅާވަމުން އަންނަކަން ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.