ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސޮވްރިން ގެރެންޓީ ދިނުމުގެ ނިޒާމު ފުނޑާލުމުގެ ސަބަބުން، ދަޢުލަތުގެ މުހިންމު ތަންތަން ރަހުނުކޮށްގެން ސުކޫކު ވިއްކަން މަޖުބޫރުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޠާރިޤު ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް ޢަބްދުﷲ ޔާމީންގެ ދައުރު ނިމެންދެންވެސް ދަޢުލަތުން ދޭ ސޮވްރިން ގެރެންޓީއަކީ ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރުތަކުން އިތުބާރުކުރި އެއްޗެއް ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ޤަރާރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތް ލިޔުމެއް ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެ ނިޒާމު ބޮއްސުންލައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ޢިމާރާތްތައް މޯގޭޖުކޮށްގެން ސުކޫކު ވިއްކަން ޖެހުނު ކަމަށާއި، މިހާރުގެ ސަރުކާރުން އެ ސުކޫކު އަނބުރާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޠާރިޤު ވިދާޅުވީ، ފައިސާގެ އަގު ހިފެހެއްޓުމާއި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމަކީ 1981 ވަނަ އަހަރުގެ ޤާނޫނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެއީ އިކޮނޮމިކް މިނިސްޓްރީގެ ސީދާ މަސްއޫލިއްޔަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ސަރުކާރުން ކުރު މުއްދަތުގައި ދައްކަންޖެހޭ ގޮތަށް އިންޑިއާގެ ބޭންކުތައް ފަދަ ފަރާތްތަކުން ބޮޑެތި ލޯނުތަކެއް ނަގާފައިވާކަން ފާހަގަކުރައްވައި ޠާރިޤު ވިދާޅުވީ، ރާއްޖެއަށް އަހަރަކު ލިބޭ 1.5 ބިލިއަން ޑޮލަރުގެ އާމްދަނީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު ޚަރަދުވަނީ އެ ލޯނުތައް ދެއްކުމަށް ކަމަށެވެ. އެހެންކަމުން، ޑޮލަރުގެ މައްސަލައަކީ ވަކި ވެރިކަމެއް ބަދަލުވުމުން ކުއްލިއަކަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް އިދިކޮޅު އެމްޑީޕީން ގޮވާލަމުންދާ ދިއުމަށް ރައްދު ދެއްވަމުން ޠާރިޤު ވިދާޅުވީ، 2008 ގެ ފަހުން ރާއްޖޭގައި އެއްވެސް ކަމެއްގައި އެފަދަ ވޯޓެއް ނަގާފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ޓޫރިޒަމް ޤާނޫނަށް އިޞްލާޙު ގެނެސް، ފަސް މިލިއަން ޑޮލަރަށް ފަޅުރަށްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރިއިރު ރައްޔިތުންގެ ކައިރީގައި އެއްވެސް އެއްޗެއް އަހާފައި ނުވާކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.