ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް، މި ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަގުތީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވް ގޭސްއިން ހާމަކޮށްފިއެވެ.
މި ނިންމުމާއެކު ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަނީ ދަށްކޮށްފައެވެ. އެގޮތުން:
-
10 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 7 ކިލޯގެ ގޭސް
-
22 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 14 ކިލޯގެ ގޭސް
-
45 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 31 ކިލޯގެ ގޭސް
މޯލްޑިވް ގޭހުން މަޢުލޫމާތު ދިން ގޮތުގައި، މި ބަދަލު ގެނައި ނަމަވެސް ގޭހުގެ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކަސްޓަމަރުންގެ އަތުން އަގު ނަގަމުންދާނީ މިހާރުވެސް އޮންނަ އުޞޫލުގެ ދަށުން، ފުޅިއަށް އެޅޭ ގޭހުގެ އަސްލު ބަރުދަނަށް ބަލައިގެން، ކަނޑައެޅިފައިވާ ކިލޯ ރޭޓުންނެވެ.
މިފަދަ ވަގުތީ ފިޔަވަޅެއް އަޅަންޖެހުނު މައިގަނޑު ސަބަބަކީ ބައިނަލްއަޤްވާމީ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. އެހެންކަމުން މި ބަދަލަކީ ރައްޔިތުންނަށް އެއްވެސް މެދުކެނޑުމެއްނެތި ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ހިނގަމުންދާކަން ފާހަގަކުރަމުން މޯލްޑިވްސް ގޭހުން ބުނީ، އެ މަޝްރޫޢު ނިމުމުން އެއްފަހަރާ ތިން މަސްދުވަހުގެ ގޭސް ރައްކާކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.